ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިންގް' އިނީޝިއޭޓިވްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްބުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާން ވިޔަފާރިވެރިންނަށް ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މެންޓާޝިޕް، ވިޔަފާރީގެ ތަމްރީނު، ރަސްމީކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓާކުރުން ފަދަ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ވިޔަފާރިތައް ފަށައި، ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ބޭނުންވާ އަމަލީ ހުނަރާއި ތަޖުރިބާ ޒުވާނުންނަށް ލިބިގެންދާނެ އެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުން ކަމަށެވެ. ބީސީސީއާއެކު ގާއިމުކުރެވުނު މި ގުޅުމުގެ ސަބަބުން މާލީ އެހީތެރިކަމާއި އިރުޝާދު އެއް ފުރާޅެއްގެ ދަށުން ލިބި، ރާއްޖޭގެ ކުރިއަށް އޮތް ޖީލުގެ ވިޔަފާރިތަކަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެކަމަށެވެ.
މީގެއިތުރުން، ބީސީސީގެ އެމްޑީ އިބްރާހިމް ޒިޔާއު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަށާއި ރާއްޖޭގެ ޑިޖިޓަލް އިގްތިސަދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ފާހަގަކުރައްވާ ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ސަބަބުން، ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' ޕްރޮގްރާމަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ 'ސްވައިޕް' މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލެވިފަ އެވެ.









