ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާއިން މަދުވެގެން 39 މީހުން ޝަހީދުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމް ވެއްޖެ ކަމަށް ޣައްޒާގެ ސިއްހީ މިނިސްޓްރީން ބުނެފިއެވެ.
އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ބައެއް ހަށިތައް ކައިރީ ޣައްޒާ ރައްޔިތުން.
މިއަދު އިސްރާއީލުން ވަނީ އ.ދ. އިން ހަމަލާ ދިނުމަށް މަނާ ކޮށްފައިވާ ސްކޫލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ހިޔާވަހިކަމުގެ މަރުކަޒަކަށް ވަރަށް ވަރުގަދަޔަށް ހަމަލާ ދީފައެވެ. މި ހަމަލާގައި އެކަނި 23 މީހުން ޝަހީދުވެފައިވާ ކަމަށާއި، މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ބައިލައްކަ އަށްވުރެ އިތުރުވެފައި ވާއިރު، 116،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ. އަދި ޣައްޒާގެ އުމްރާނީ ވަސީލަތްތައް ހަލާކުވެ، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ގިނަ އަދަދެއްގެ މީހުން އަދިވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ބަންދުވެފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުން ދާއިރު، ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އިތުރު މަޝްވަރާތަކަށް ހުޅުވާލެވިފައިވާ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް، އިސްރާއީލުން ބުނަނީ ހަނގުރާމަ މުޅިން ހުއްޓާލާނީ ހަމާސްގެ ބާރު އެއްކޮށް ނައްތާލުމަށްފަހުގައި ކަމަށް ވެސް ރިޕޯތްތައް ބުނެއެވެ.