ސަރުކާރުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ދެފުށް ފެންނަ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވައިފިއެވެ.
ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ވީހާވެސް ގިނައިން ރައްޔިތުންނަށް ފޯރުކޮށްދީ، ދެފުށް ފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ކިބައިން މިއަދު ރައީސް އެދިވަޑައިގެންނެވިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ވެސް ހިއްސާކޮށް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި އެސްޓީއޯ، ވެމްކޯ، ފެނަކަ، އާރުޑީސީ، އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ. ރައީސް މުޢިއްޒު ވަނީ މަޝްރޫޢުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމުމަށް ބާރުއަޅުއްވައި، އެކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.
މީގެއިތުރުން، ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވުނެވެ. އަދި މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށްވެސް މަޝްވަރާކުރެވުނެވެ.









