ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ ސްކޭމްގެ މައްސަލައެއްގައި ދެ މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ. މި ދެ މީހުންނަކީ ގއ. ގެމަނަފުށީ ރަންކޮކާގެ ނަދީފް މުޙައްމަދު (36 އަހަރު) އާއި ޅ. ނައިފަރު ހަލަވެލި މަޙްމޫދު ޢަބްދުﷲ (30 އަހަރު) އެވެ.
ފުލުހުން ބުނީ، މި ދެ މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށެވެ.
ފުލުހުންގެ އިތުރަށް ބުނީ، މި ދެ މީހުން ވެސް ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. ނަދީފް މުޙައްމަދު ފުލުހަށް ހާޒިރުވާންޖެހެނީ މާރިޗު 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށެވެ. އަދި މަޙްމޫދު ޢަބްދުﷲ ހާޒިރުވާންޖެހެނީ ހަމަ އެ ދުވަހުގެ މެންދުރު 12:00 އަށް ކަމަށް ފުލުހުން ބުންޏެވެ.