ރ. އުނގޫފާރުގައި ކުރިއަށްދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމާއި، 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް އެމްޓީސީސީން ހާމަކުރިއެވެ.
މީގެ ކުރިން، ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އުނގޫފާރުގެ ފަޅުން، ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ސްކޯޕްގައި އޮތް ވަރަށްވުރެ އިތުރަށް ތިން ހެކްޓަރު ހިއްކުމުން ފަޅު ތެރޭގައި ހިއްކަން އޮތް އެންމެ ބޮޑު މިންވަރަށް ހިއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.









