މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޑާންކުރުމާއި ރޭނުމުގެ މަސައްކަތް ހިމެނޭހެން 60 ވަޒީފާގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ވަޒީފާތަކަކީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.
އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މުވައްޒަފުން ހޯދަނީ ތިން މަޤާމަކަށެވެ. އެއީ ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް 20 މުވައްޒަފުން، ކާޕެންޓަރުގެ މަޤާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަޤާމަށް 20 މުވައްޒަފުންނެވެ.
ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް އަސާސީ ތަޢުލީމު ހާސިލްކޮށްފައިވާ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެވޭނެއެވެ. ނަމަވެސް ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ އެ ދާއިރާއިން ދެއަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
މުސާރައިގެ ގޮތުގައި ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް 10,000 ރުފިޔާ، ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް 11,400 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގެ ފައިސާ، މެޑިކަލް އިންޝުއަރެންސް އަދި ޕެންޝަން ސްކީމުގެ ފައިދާ ލިބޭނެއެވެ. އަދި ކެއުމާއި ހުރުމުގެ އިންތިޒާމްވެސް ކުންފުނިން ހަމަޖައްސައިދޭނެއެވެ.
މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59 އެވެ.









