ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރަޕީއަށް 25.4 މިލިއަން ރުފިޔާ ޚަރަދުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 13 ދުވަސް ކުރިން - 20 އޭޕްރިލް 2025 16:31
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު/ ފޮޓޯ: ރައީސް އޮފީސް
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މާޗް މަހުގެ ނިޔަލަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމަށް އެދިފައި ވަނީ 675 މީހުން.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރަޕީއަށް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް 25.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. މެންބަރު ކުޑޫ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ޚިދުމަތް ބޭނުންވާ ކުދިންގެ ތެރެއިން އެންސްޕާގައި ރަޖިސްޓްރީވެފައިވާ ކުދިންގެ އަދަދާއި އޭގެ ތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކުދިންގެ އަދަދުގެ މަޢުލޫމާތު ހޯދުމަށް އެދިވަޑައިގެންފައެވެ.

އެންސްޕާއިން ބުނީ، މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމަށް އެދިފައިވަނީ 675 މީހުންނެވެ. މީގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ 652 ކުޑަކުދިންނަށް 24.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އުމުރުން 18 އަހަރުން މަތީގެ 30 މީހަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އިތުރު މަޢުލޫމާތު ދެމުން އެންސްޕާއިން ބުނެފައިވަނީ މިދިޔަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީއަށް 96.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މިއީ 1,087 މީހުންނަށް ކޮށްފައިވާ ޚަރަދެކެވެ. މީގެ ތެރޭގައި ހިމެނެނީ 1,031 ކުޑަކުދިންނާއި 18 އަހަރުން މަތީގެ 54 މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%