އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ ނުވަތަ އޯލެވެލް އިމްތިހާނު 8,000 އަށް ގިނަ ދަރިވަރުންނާ އެކު މިއަދު ރާއްޖޭގައި ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 260 ސްކޫލުން 8،364 ދަރިވަރުން ބައިވެރިވާ ކަމަށެވެ.
އޯލެވެލް އިމްތިހާނުގައި ފަށައި, މިއަދާއި މާދަމާ ކުރިއަށް ގެންދަނީ އިސްލާމާއި ދިވެހި މާއްދާގެ އިމްތިހާނެވެ.
މިހާރު ކުރިއަށް މި ގެންދާ އޯލެވެލް އިމްތިހާނަކީ މިދިޔަ ދިރާސީ އަހަރުގައި ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންގެ އިމްތިހާނެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު މިހާރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/މާޗުގަ އެވެ. އަދި މިހާރު ގްރޫޑު 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ.
މި ބަދަލު ގެނައީ ސްކޫލްތަކުގެ އެކެޑަމިކް ކަލަންޑަރު ކުރިން އޮތްގޮތަށް ބަދަލުކޮށް, ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ސްކޫލް ބޮޑު ޗުއްޓީ ލިބޭ ގޮތަށް ހެދުމަށެވެ.









