އިންޕޯސްޓް އެކްސްޕޯޓްގެ ހިދުމަތްތައް ދިނުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް "ޓްރޭޑިއަން" މޯލްޑިވްސް ކަސްޓަމްސް އިން ރަސްމީކޮށް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ކަސްޓަމްސް އިން ބުނީ ޝިޕިން އޭޖެންޓުންނާއި ފްރައިޓް ފޯވާޑިންގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭ މައުލޫމާތު ހުށަހެޅުމަށް ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އެ ޕްލެޓްފޯމް ބޭނުންކުރަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި, ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުން އަންނަ ގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީޓީއޭ)" އާ ގުޅޭ މައުލޫމާތު ހުށަހެޅޭނެ ކަމަށެވެ.
ނަމަވެސް, އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މި ދުމަތްތައް ހޯދޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށް ވާތީ، އެ ސުންގަޑީގެ ކުރިން ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރުމަށް ޝިޕިން އެޖެންޓުންނަށާއި ފްރައިޓް ފޯވާޑިންގެ ހިދުމަތްދޭ ފަރާތްތަކަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.









