ޣައްޒާއަށް ކުރިމަތިވެފައިވާ ސިޔާސީ ހަނގުރާމައިގެ ސަބަބުން، ސުންނާފަތިކޮށްލާފައިވާ ގެތަކުގެތެރޭގައި، ދުނިޔެ އެވާހަކަތައް އަޑުއަހަން ވެސް ދެކޮޅު ހަދާއިރު، އެ ވާހަކަ ކިޔައިދޭ ފިރިހެން ކުއްޖަކު އިށީނދެގެން އިނެވެ. އޭނާގެ ނަން އަޅުގަނޑަކަށް ނޭނގުނު ނަމަވެސް އޭނާގެ ސޫރަ، އޭނާގެ ކުޑަކުޑަ މޭމަތީގައި ހިތާމައެއް ފަދައިން ކޮށާލެވިފައިވާ ރިބަންތަކުން ފެނެއެވެ. ބަނޑުހައިހޫނުކަމާއި ވޭނުން ފުރިފައިވާ ލޯ، ޒަމީރަކާއެކު ކޮންމެ އިންސާނެއްގެ ނަފްސުގައި އަނދާ ހުލިވެއެވެ.
މި ކުޑަކުއްޖާއަކީ ގުދުރަތީ ކާރިސާއެއްގެ ސަބަބުންއަނިޔާ ވެފައިވާ ކުއްޖެއް ނޫނެވެ. އޭނާއަކީ އިންސާނުން ދީފައިވާ އަނިޔާވެރިކަމުގެ ޝިކާރައެކެވެ.
އެއް އިރެއގައި ލޯތްބާއެކު ޢާއިލާ އެންމެން އެކީގައި މަޖާކުރުމުގައި އުޅުނުކުއްޖެއް ނަމަވެސް މިހާރު އޭނާ އަކީ ދިރިއުޅުމުގައި ތަތްވެފައި ހުރި ނާޒުކު ފްރޭމެކެވެ. އަޅުގަނޑަށް އޭނާ ސިފަވަނީ ވިއްސާރަ ދުވަހެއްގައި ކަރަންޓު ކޭބަލެއްގެ މަތީގައި އޮންނަ ކަރުދާސްކޮޅެއް ފަދައިންނެވެ. ކަށިތަކުގެ މައްޗަށް އެއޮތީ ހަންގަނޑު ތަތްވެދައެވެ. އެއް ޒަމާނެއްގައި މިސްކިތަށް ހިނގާފައި ދިޔަ އޭނާގެ ގުނަވަންތައް މިހާރު ތުރުތުރު އަޅަނީ ބަލިކަށިކަމުންނެވެ. އޭނާ ނުރޮއެވެ. ވޭން އިހުސާސް ނުކުރެވޭތީއެއް ނޫނެވެ. އެކަމަކު އޭނާގެ ހަށިގަނޑުގައި ރޯލާކަށް ވެސް މިހާރު ބާރެއް ނެތުމުންނެވެ.
މިކުއްޖާ، އަދި އޭނާ ފަދަ އެތައް ހާސް ބަޔަކު ޣައްޒާގައި ބަނޑުހައިހޫނުކަމުގައި އެބަތިއްބެވެ. ދުނިޔޭގައި ކާއެއްޗެހި ނެތުމުންނެއް ނޫނެވެ. އއކަމަށް ދުނިޔެ ފުރަގަސްދީފައި އޮތުމުންނެވެ. އިސްރާއީލުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވާފައިވާއިރު، ލީޑަރުން އެކަކު އަނެކަކަށް ޖަދަލުކޮށް ބޮންތައް ވެއްޓޭއިރު، ހިމޭންކަމާއެކު ތިބި ކުޑަކުދިން އެދަނީ ކުދިކުދިވަމުންނެވެ.
ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ޚާއްޞަކޮށް އ.ދ. އޭ ކިޔައި މޮޅުކޮށްގެން އޭގެ މެންބަރުކަން ހޯދި ޖަމްޢިއްޔާ އެއޮތީ ބަލަހައްޓައިގެންނެވެ.
ކޮންމެޔަކަސް، މި ކުއްޖާއަށް "ކުރިއަށް" ދެވޭކަށް ނެތެވެ. އޭނާގެ ހަގީގަތަކީ ނިމުމެއް ނެތް ބަނޑުހައިހޫނުކަމެވެ. އޭނާގެ މައުސޫމުކަމަށް ޚިޔާނާތްތެރިވަނީ ސިޔާސީ ކަންކަމާއި، ބައެއްގެ އަމިއްލަ އެދުމެވެ. ހަނގުރާމައިގެ ލާއިންސާނީ ކަމެވެ.
މިއީ ފޮޓޯއެއް ނޫނެވެ. އެހީއަށް އެދި، އިންސާފަށް، އަސާސީ އިންސާނިއްޔަތަށްޓަކައި ހަޅޭއްލަވައިގަތުމެކެވެ.
އަނެއްކާވެސް އޭނާއަށް ބަލާލަބަލާށެވެ.
އެއީ ތިބާގެ ދަރިއެއް ނޫންކަން އަޅުގަނޑަށް އެނގޭ. އެކަމަކު...
އެއީ ތިބާގެ ކޮއްކޮއެއް ނޫނެވެ. އެކަމަކު އޭނާ އަކީ ތިބާގެ ކޮއްކޮއެއް ވީނަމަ ތިބާއަށް ކިހިނެއްބާ ވާނީ؟
އެއީ ތިބާގެ އަވަށްޓެރިއެއް ނޫނެވެ. އެކަމަކު އޭނާ ވާންޖެހޭނީ ތިބާގެ ކަންބޮޑުވުމަކަށެވެ.
އެހެނީ ކުޑަކުދިންގެ ތަކުލީފު އަހަރެމެންގެ ޒިންމާއެއްގެ ގޮތުގައި ދެކުން ހުއްޓާލާ ސިކުންތުން ފެށިގެން އަހަރެމެން އިންސާނުންގެ ހުރިހާ އެއްޗެއް އެ ދިޔައީ ގެއްލިގެންކަމް ހަނދާން ބަހައްޓާށެވެ!
މި ސޫރަ ތިބާގެ ހިތުގައި މާބޮޑުނކަމަކަށް ނުވާނަމަ ތިބާގެ ހިތުގައި އޮންނާނީ ކޮން ރަޙްމަކާއި ކުކުނެއްތޯއެވެ؟
މި ވާހަކަ ދައްކަން އެބަ ޖެހެއެވެ. މިފަދަ ކުދިންނަށްޓަކައި މަސައްކަތް ކޮށްދޭން އެބަ ޖެހެއެވެ. މިވާހަކަތައް އެންމެނަށް އަންގައި އެމީހުންގެ ހެޔޮ ދުޢާތައް ޣައްޒާގެ ކުޑަކުދިންނާއެކު ވާން އެބަ ޖެހެއެވެ.
ދުނިޔެއަށް އޭނާ ފެންނަން ދޫކޮށްލާށެވެ. ދުނިޔެ ރޯން ދޫކޮށްލާށެވެ. އަދި އެ ކަރުނަތައް، އެ ހިމޭންކަން އެގޮތުގައި ތާއަބަދު އޮތުމަށް ދޫކޮށް ނުލާށެވެ!