ދިވެހިރާއްޖެއިން އިސްރާއީލު ޕާސްޕޯޓު ހިފައިގެން އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ނިންމެވުމުން އެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤ ކުރެއްވުމާއެކު މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަން ހޯދައިފިއެވެ. ސީއެންއެން، ރޮއިޓަރސް އަދި އަލްޖަޒީރާ ފަދަ ބޮޑެތި މީޑިއާތަކުން މި ޚަބަރު ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސްގެ ފުރިހަމަ ތާއީދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ނިންމި މި ނިންމުމަކީ ޣައްޒާގައި އިސްރާއީލުން ހިންގާ އަމަލުތަކާއި ގުޅިގެން ނިންމި ނިންމުމެކެވެ.
އިސްރާއީލް ޕާސްޕޯޓް މަނާކުރުން ރައީސް ތަސްދީޤް ކުރެއްވީ މިއަދު އެވެ.
ރައީސް ވަނީ ފަލަސްތީނަށް އެހީވުމަށް ފަންޑް ރެއިސިންގ ކެމްޕޭނެއް ވެސް ފައްޓަވައިދެއްވާފައިކަން ފާހަގަ ކުރެވެއެވެ.
ރައީސް މުޢިއްޒަކީ ދިވެހި ތާރީޚުގައި ވެސް ފަލަސްޠީނުގެ ދިފާޢުގައި އެންމެ ގަދަޔަށް ވާހަކަފުޅު ދެއްކެވި ލީޑަރެވެ. އ.ދ ގެ ބައްދަލުވުންތަކުގައި ވެސް އެންމެ ބާރަށް ފަލަސްޠީނުގެ ޙައްޤުގައި ޖިހާދު ކުރެއްވި ލީޑަރެވެ. އެގޮތުން އދ. ގެ ވީޓޯ ކުރުމުގެ ބާރު އުވައިލައްވަން ގޮވައިލެއްވީ ވެސް ފަލަސްޠީނުގެ ޙައްޤުގައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ އެ ޤައުމުގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުކުރުން ހުއްޓާލުމަށް އިރުޝާދު ދީފައެވެ.









