ތުރްކިޔޭގައި އަލަށް ގާއިމުކުރި ރާއްޖޭގެ އެމްބަސީ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އާއި ތުރްކިޔޭގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.
ޚާރިޖީ ވުޒާރާއިން ބުނީ، ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި މި އެމްބަސީ މެދުވެރިކޮށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޛުކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިގްތިސާދީ ކުރިއެރުމާއި، ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. އަދި ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް އެމްބަސީއެއް ހުރުން ވަރަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްބަސީ އިފްތިތާހުކުރުމުން ތުރްކިޔޭގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.



