ނަޕޯލީން އިޓާލިއަން ސީރީ އޭ ލީގުގައި އެމްޕޮލީ އަތުން 3-0 އިން މޮޅުވެއްޖެއެވެ. މި މޮޅާއެކު ނަޕޯލީން ލީގުގެ އެއްވަނައިގައި އޮތް އިންޓަ މިލާނާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ރޭ ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނަޕޯލީއަށް ދެ ގޯލު ޖަހައިދިނީ ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭއެވެ. މިއީ މެންޗެސްޓަރ ޔުނައިޓެޑްގައި ހުރެފައި އޮގަސްޓް މަހު 30 މިލިއަން ޔޫރޯއާއެކު 4 އަހަރަށް ހެދި ކޮންޓްރެކްޓުގައި ނަޕޯލީއަށް އޭނާ ޖަހައިދިން 8 ވަނަ ގޯލެވެ.
މިއީ ލީގު ސީޒަނެއްގައި އޭނާގެ ލަނޑުގެ ރެކޯޑް އެންމެ ރަނގަޅު ފަހަރެވެ. މެކްޓޮމިނޭ މި ސީޒަނުގައި ޖަހާފައިވާ ގޯލުގެ އަދަދަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިއަކު ޕްރިމިއަރ ލީގުގައި އަދި މި އަދަދަށްވުރެ ގިނައިން ގޯލު ޖަހާފައެއް ނުވެއެވެ. މެކްޓޮމިނޭގެ ކުރީގެ ޓީމު މެންޗެސްޓާ ޔުނައިޓެޑަށް މިފަހަރުގެ ޕްރިމިއާ ލީގުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ. އެހެންކަމުން، މެންޗެސްޓަރ ޔުނައިޓެޑް މިހާރު ދަނީ އެ ޓީމުގެ ތާރީޚުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ނާކާމިޔާބު މޫސުން ހޭދަކުރަމުންނެވެ. މޫސުން ނިންމާލުމަށް ބާކީ އޮތް 6 މެޗާއެކު، ޔުނައިޓެޑަށް މިހާތަނަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.
އިޓާލިއަން ލީގުގައި ރޭ ނަޕޯލީގެ އަނެއް ގޯލު ޖަހައިދިނީ ބެލްޖިއަމްގެ ސްޓްރައިކަރު ރޮމެލޫ ލުކާކޫއެވެ.
މެކްޓޮމިނޭ ރޭ ޖެހި ފުރަތަމަ ގޯލު ފެނުނީ ރޭގެ މެޗުގެ 18 ވަނަ މިނިޓްގައި އެވެ. ދެވަނަ ހާފުގެ 56 ވަނަ މިނިޓްގައި ލުކާކޫ ޖެހި ގޯލުން ނަޕޯލީގެ ލީޑު ދެ ގޯލަށް އިތުރުކުރިއެވެ. ތިންވަނަ ގޯލު ނަޕޯލީން ޖެހީ 61 ވަނަ މިނިޓްގައި މެކްޓޮމިނޭއެވެ.
މި މޮޅާއެކު ނަޕޯލީ މިހާރު އޮތީ 32 މެޗުން 68 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 32 މެޗުން ވަނީ 71 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެޓަލަންޓާއަށް 32 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ.