އޭސީ މިލާން ބަލިވެ ތާވަލުގެ 8 ވަނައަށް

އައިޝަތު އީމާން | 62 ދުވަސް ކުރިން - 28 ފެބްރުއަރީ 2025 10:27
އޭސީ މިލާނާއި ބޮލޮގްނާ ބައްދަލުކުރި މެޗުގެ ތެރެއިން. / ފޮޓޯ: ބޮލޮގްނާ އެކްސް
އޭސީ މިލާނާއި ބޮލޮގްނާ ބައްދަލުކުރި މެޗުގެ ތެރެއިން. / ފޮޓޯ: ބޮލޮގްނާ އެކްސް
ޚުލާސާ

ބުރާސްފަތި ދުވަހުގެރޭ ބޮލޮގްނާ އަތުން 2-1 އިން ބަލިވެ އޭސީ މިލާނަށް މިހާރު ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމުގެ ބިރު ބޮޑުވެފަ.

އިޓާލިއަން ސެރީއާގައި ރޭ ބޮލޮގްނާއާ ދެކޮޅަށް ކުޅެ ބަލިވެ އޭސީ މިލާނަށް ޗެމްޕިއަންސް ލީގުން ޖާގައެއް ލިބުމުގެ ބިރު ބޮޑުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އޭސީ މިލާން ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފޯވާޑު ލިއާއޯ ކާމިޔާބުކުރި ނަމަވެސް ބޮލޮގްނާއިން ވަނީ ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމަށް މި ގޯލު ކާމިޔާބުކޮށްދީފައި ވަނީ އާޖެންޓީނާގެ ވިހި އަހަރުގެ ފޯވާޑު ކާސްޓްރޯއެވެ. މެޗު ނިމެން 7 މިނެޓަށް ވެފައި ވަނިކޮށް ބޮލޮގްނާއަށް މެޗު ކާމިޔާބުކޮށްދިން ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސުއިޒަލެންޑުގެ ފޯވާޑު ޑާން އެންޑޯއީ އެވެ.

ރެފްރީންނާ މެދު ނުރުހުންފާޅުކޮށް މެޗު ނިންމާލުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން މިލާނުގެ ކޯޗު ކޮންސެއިކާއޯ ބުނީ އޭނާ މިލާނަށް އައީ އެއްވެސް ކަމެއް ނެތިއެއް ނޫން ކަމަށާއި މިހާތަނަށް އޭނާ 13 ތަށި ކާމިޔާބުކޮށްފައިވާ ކަމަށެވެ. އޭނާ ހިތްހަމަ ނުޖެހުނީ ބޮލޮގްނާއިން އެއްވަރުކުރި ގޯލު ޖެހިއިރު ސާފު ހޭންޑް ބޯލްއެއް ޖެހުމުންވެސް ރެފްރީ އެ ގޯލު ދީފައިވާތީއެވެ.

މި މެޗުގެ ކުރިން މިދިޔަ ހަފްތާގައި ޓޯރީނޯއާ ބައްދަލުކުރި މެޗުން ވެސް އޭސީ މިލާން ވަނީ ބަލިވެފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ފޭނޫޑް އަތުން ބަލިވެ އެ ޓީމަށް ވަނީ ކުއާޓަރ އަށް ދެވޭގޮތް ނުވެ މުބާރާތުން އަލްވަދާޢު ކިޔާފައެވެ.

އިޓާލިއާން ލީގުގައި މިވަގުތު އެއްވަނައިގައި އޮތީ ވާދަވެރި އިންޓަރ މިލާނެވެ. ދެވަނައިގައި ނަޕޯލީ އޮތްއިރު ތިން ވަނައިގައި އޮތީ އެޓަލަންޓާ އެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސްއާ އޭސީ މިލާން 8 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި އަދި ބާކީ 12 މެޗު އޮތްއިރު އޭސީ މިލާނުން ގޯސްތައް ރަނގަޅުކޮށް އެދެވޭ ހިސާބަކަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%