ދިވެހިރާއްޖެއިން ބޭރުގެ ތިން ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްއްޒު ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ރައީސް ހުށަހަޅުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ، ސްވިޑަންއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު، ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު، އަދި އޮސްޓްރޭލިޔާއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ.