ދިވެހި ބަހަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، މ. މަޑުލު، މަޑުލު މުޙައްމަދު ވަޙީދު މިއަދު 77 އަހަރުގެ އުމުރުގައި އަވަހާރަވެއްޖެއެވެ. ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައިވާ މަޑުލު ވަޙީދަކީ ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ.
އޭނާ އަަވަހާރަބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިތާމަ ފާޅުކުރައްވައި ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ވަޙީދު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ.
އާންމު ޚިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު 1985 އަދި 1997 ގައި ހާސިލްކުރައްވާފައިވާ މަޑުލު ވަޙީދަކީ ކުރުވާހަކަ ލިޔުއްވުމުގައި އަރާހުންނެވި ބޭފުޅެކެވެ. އޭނާ އެމަސައްކަތް ފެއްޓެވީ ދުވަހު ނޫސް "މޫންލައިޓް" އަށެވެ. އޭގެފަހުން "ފަތްތޫރަ" އަށް ގިނަ އަދަދެއްގެ ކުރުވާހަކަ ލިޔުއްވާފައިވެއެވެ. އަދި އޭނާގެ ބައެއް ވާހަކަތައް އެއްކުރައްވައި "ވަޙީދުގެ ކުރުވާހަކަ"ގެ ނަމުގައި ފޮތެއް ވެސް ނެރުއްވާފައިވެއެވެ.
ވަޙީދުގެ އަގުހުރި ޚިދުމަތްތަކުގެ ތެރޭގައި ކުރުވާހަކަ ލިޔުމުގެ މައްޗަށް އިރުޝާދު ދިނުމުގެ ފޮތެއް ލިޔުއްވުމާއި، ސްކޫލްތަކުގައާއި، މަސައްކަތު ބައްދަލުވުންތަކުގައާއި، ކޯސްތަކުގައި ކުރުވާހަކަ ލިޔުމުގެ ރޮނގުން ކިޔަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުން، އެކަމަށް ވަރަށް ގިނަ އިރުޝާދު ނޯޓުތައް ލިޔުއްވައި ޗާޕުކުރައްވާފައިވެއެވެ.
މަޑުލު ވަޙީދުގެ އެހެން ޚިދުމަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ އަކުރު ތަރުތީބުކުރުމުގެ މަސައްކަތްތަކެއް ކުރެއްވުމާއި، ދިވެހި ބަހުގެ ބަސްކޮށާރު ތައްޔާރުކުރުމުގައި އިސްދައުރެއް އަދާކުރެއްވުން ހިމެނެއެވެ. އަދި ދިވެހި ބަހުގެ ޤަވާޢިދު ފޮތްތައް އެކުލަވާލުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
މަޑުލު ވަޙީދު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި "އިސްލާމީ އަދަބު އަޚްލާޤު"، "ދޭހައިގެ އަތްމަތީ ފޮތް"، "ޙަޔާތުގެ ހަދިޔާ" އަދި "ހަރުދަނާ ޝަޚްޞިއްޔަތު" ފަދަ މުހިންމު މަޢުލޫމާތު ހިމެނޭ ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން، ވަޙީދުގެ ކުރުވާހަކަތަކާއި މަޒުމޫނުތައް ވަނީ ދިވެހި ކިޔުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައެވެ. "ނުކުޅެދޭ އަސަރު"، "ސަކީނާގެ ހިތްދަތިކަން" އަދި "އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށްވެފައި" ފަދަ ވާހަކަތަކަކީ ގިނަ ބަޔަކު ކިޔާ ލޯބިވާ ވާހަކަތަކެވެ.
ވަޙީދު ވަނީ ގިނަ ސްކޫލްތަކުގައި ކިޔަވައިދެއްވުމާއި، ސަރުކާރުގެ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ތާނަ އަކުރުން ޓައިޕްކުރަން ދަސްކޮށްދެއްވުމުގެ ކޯސްތަކުގައި މުދައްރިސެއްގެ ގޮތުން ވެސް މަސައްކަތްކުރައްވާފައެވެ. އަދި ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމްތައް އުފެއްދުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
މަޑުލު ވަޙީދުގެ ނިޔާވުމަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެކެވެ. އޭނާގެ ޚިދުމަތްތަކާއި ލިޔުއްވާފައިވާ ފޮތްތަކަކީ ދިވެހި ބަހުގެ ތަރިކައިގެ މުހިންމު ބައެއްގެ ގޮތުގައި ދެމިގެންދާނެ އެއްޗެހިކަން ކަށަވަރެވެ.









