ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ހދ. ހަނިމާދޫ، ފަހި ރޯދި، އަބްދުލް މާނިއުއަށް ތަމްރީނުގެ ތެރޭގައި އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ސަރުކާރުން ދަނީ ވަރަށް ކައިރިން އޭނާގެ ހާލު ބަލަމުންކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މާނިއުއަށް އަނިޔާވެފައިވަނީ ޓްރެއިނިންގ ހެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ. މި ހާދިސާއާއި ގުޅިގެން މާނިއުއަށް ދެ ސާޖަރީއެއް ހަދާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ފުރަތަމަ ސާޖަރީ ހެދުމަށްފަހު އޭނާ ބޭއްވީ އައިސީޔޫގައެވެ.
ފޮރިން މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މިނިސްޓަރު ވަނީ މާނިއުގެ ބައްޕަ އާމިރުއާ ފޯނުން ވެސް ގުޅުއްވައި ދަރިވަރުގެ ހާލަތާ ގުޅޭގޮތުން އޮޅުންފިލުއްވާފައެވެ. އަދި މާނިއުގެ މަންމައާއި ބޭބެ މިހާރު ވަނީ ފިލިޕީންސްއަށް ވަޑައިގެންފައެވެ.
ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުންނެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ވަނީ މާނިއުގެ ހާލު ބެލުމަށް ގުޅާފައެވެ. އަދި އެހީތެރިވެވޭނެ ހުރިހާ ގޮތަކުން ސަރުކާރުން ދަނީ އެހީތެރިވަމުންނެވެ.