ފަލަސްޠީނުގެ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް ސާފު ބޯފެން ލިބެމުންދިޔަ ހަމައެކަނި މަގު ބަންދުވެ ފެނަށް ޖެހިފައިވާ ކަމަށް ޣައްޒާގެ މުނިސިޕަލިޓީން ހާމަކޮށްފިއެވެ.
މުނިސިޕަލިޓީގެ ތަރުޖަމާނު، ޙުސްނީ ހާނާ ވިދާޅުވީ ޣައްޒާއަށް ކުރިމަތިވެފައި ވަނީ ވަރަށް އުނދަގޫ ޙާލަތެއް ކަމަށާއި ކަންކަން އިތުރަށް އުނދަގޫވަމުންދާ ކަމަށެވެ.
"ޣައްޒާގެ ރައްޔިތުން މިހާރު މިތިބީ އިންތިހާއަށް ފެނަށް ޖެހިފައި. މި ޙާލަތަށް ހެޔޮ ބަދަލެއް ނާންނަ ނަމަ ޣައްޒާއިން ކުރިމަތިލާންޖެހޭ ހަޤީޤަތް ވަރަށް ހިތްދަތިވާނެ." އޭނާ ބުންޏެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އިޒްރޭލުގެ ޙަމަލާތަކުގައި ޝުޖާޢިއްޔާ އަވަށަށް ދިން ޙަމަލާތަކެއްގައި ޣައްޒާއަށް ފެން ފޯރު ކޮށްދޭ ފެން ހޮޅިތަކަށް ގެއްލުންދީގެން ވަނީ ފެން ކަނޑާލާފައެވެ. މި ހޮޅިތަކަތަކަކީ ޣައްޒާއަށް ބޭނުންވާ ފެނުގެ 70 އިންސައްތަ ފޯރު ކޮށްދެމުން ދިޔަ މަގެވެ.
އުމުރުން 42 އަހަރުގެ ޣައްޒާގެ ރައްޔިތެއް ކަމަށްވާ ފާތިން ނާޞިރު ބުނީ ހެނދުނުންސުރެ ފެންފޮދަކަށް އިންތިޒާރު ކޮށްގެން އޭނާއޭނާއާއި އޭނާގެ ޢާއިލާ ތިބި ކަމަށެވެ. "ފެން ފޯރު ކޮށްދޭ އެއްވެސް މަރުކަޒެއް ނުވަތަ އުޅަނދެއް ވެސް ނެތް. އެއްވެސް ސަރަޙައްދަކުން ފެން ނުލިބޭ. ޣައްޒާއަށް ތަކެތި ވެއްދޭނެ ހުރިހާ މަގުތައް ވެސް ބަންދުވެފައި." އޭނާ ބުންޏެވެ.
2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ގިނަ ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ބައެއް ފަޅު ސަރަޙައްދުތަކުގައި ހުރި މަދުމަދު ވަޅުތަކުން ފެން ލިބޭ ނަމަވެސް އެ ފެން ހޯދުމަށްޓަކައި ޕްލާސްޓިކް ފުޅިފުޅި ހިފައިގެން ދުރު ހިސާބުތަކަށް ފައިމަގުގައި ދާން ޖެހެއެވެ.
ޣައްޒާގެ ފެނާބެހޭ އިދާރާއިން ބުނީ ޣައްޒާގައި ހުރި ހުރިހާ ފެން ވަޅެއްހެން ހުރީ ބޭނުން ނުކުރެވޭ ޙާލަތުގައި ކަމަށެވެ. ފަލަސްޠީނުގެ އިދާރާތަކާއި އދ އިން ބުނީ ޣައްޒާގެ ފެން ސާފު ކުރާ ޕްލާންޓުތަަކަށް ވެސް ގެއްލުން ލިބި ބޭނުން ނުކުރެވޭ ކަމަށާއި ބޭނުން ކުރެވޭ ޙާލަތުގައި ހުރި މަދު ޕްލާންޓުތައް ވެސް ކަރަންޓާއި ތެޔޮ ނުލިބުމުގެ ސަބަބުން ނުހިނގޭ ކަމަށެވެ.









