ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާއަކީ "ދުނިޔެމަތީގެ ނަރަކަ" އެއް ކަމަށް ރެޑް ކްރޮސްގެ ރައީސް މިރުޖާނާ ސްޕޮޖަރިކް ސިފަކޮށްފިއެވެ.
އޭނާ މިފަދައިން ބުނެފައިވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތާ ގުޅިގެންނެވެ.
7 އޮކްޓޯބަރު 2023 އިން ފެށިގެން ޔަހޫދީން ދެމުން އަންނަ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 62,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މި އަހަރުގެ ޖަނަވަރީ 19 ގައި ޙަމަލާތަކަށް ވަގުތީ ހުއްޓުމެއް އައި ނަމަވެސް، މާރިޗު 18 ގައި އަލުން ޙަމަލާތައް ދޭން ވަނީ ފަށާފައެވެ.
ސްޕޮޖަރިކް ބުނިގޮތުގައި ޣައްޒާގެ ވަގުތީ ޞިއްޙީ މަރުކަޒުތަކުގައި ހުރި ފަރުވާދޭ ސާމާނު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެއްކޮށް ހުސްވާނެއެވެ. އަދި މިހާރު ޣައްޒާގެ ރައްޔިތުންނަށް ފެނާއި، ކާބޯތަކެއްޗާއި، ކަރަންޓު ވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ ބޭސްފަރުވާއަށް ބޭނުންވާ އެންޓިބަޔޮޓިކްސްއާއި ލޭއަޅާ ކޮތަޅު ޣައްޒާގައި ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި ޣައްޒާގެ 36 ހަސްފަތާލުގެ ތެރެއިން 22 ހަސްފަތާލަށް ޚިދުމަތް ދެވެނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށްވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރިއެވެ.
ރެޑް ކްރޮސްގެ ރައީސް ވަނީ ޣައްޒާގެ ޢާންމުންގެ އިތުރުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އިންސާނީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ވަނީ އިންސާނީ މަސައްކަތުގައި ޝާމިލުވެ އުޅުނު 15 މަސައްކަތްތެރިން ޝަހީދުކޮށްލާފައެވެ.
ސްޕޮޖަރިކް ވަނީ ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިއީ ހަމާސް އިން ޔަހޫދީންނަށް ދިން ޖިހާދީ ޙަމަލާގައި އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ މީހުން މިނިވަންކުރެވޭނެ މަގު ކަމަށްވެސް އޭނާ ބުންޏެވެ.









