ފެންބޮޑުވުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފޮނަދޫގައި ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭވެހި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކޮމާންޑްގެ ސިފައިން ދަނީ ލ.ފޮނަދޫގައި ފެންބޮޑުވެގެން ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ލ. ގަމަށް ވެސް އެހީތެރިވުމުގެ ގޮތުން އެ ރަށު ކައުންސިލަށް ގޯނި ހަވާލުކޮށްފައިވާ ކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވަނީ އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.









