ފައިނަލުގައި ލޮރެންޒޯ ސްޕޯޓްސް ބަލިކޮށް ފިތުރު ޢީދު ބައިބަލާ ޗެލެންޖު 1446 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ދަ ފުޓްސެލް ޓައުން (ޓީއެފްޓީ) އިން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ތާރީހުގައި ބައިބަލާ ޗެލެންޖެއް އެންމެ ފުރިހަމަކޮށް ބޭއްވުނު މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ގޭމު ޓީއެފްޓީން، ލޮރެންޒޯގެ މައްޗަށް ކުރި ހޯދީ 9-3 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ދެވަނަ ގޭމުގައި ޓީއެފްޓީން ވަނީ އެތެރެއިން ކުޅެ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް 7-7 ގެ ނަތީޖާއިން މެޗު އެއްވަރުކޮށް ބައިބަލާގެ ތަށި ހޯދުމަށް އެޓީމުން ދެކެމުން އައި ހުވަފެނުގައި ހަޤީޤީ ކުލަ ޖައްސާފައެވެ.
މުބާރާތުގެ "މިސްޓަރ ބައިބަލާ" އަށް ހޮވާފައިވަނީ މިފަހަރުގެ މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ލޮރެންޒޯގެ އަބްދުﷲ ނިޝާން (އަބޯ) އެވެ. މިއީ އޭނާ މިސްޓަރ ބައިބަލާގެ މަޤާމު ހޯދި 3 ވަނަ ފަހަރެވެ.

"ބައިބަލާ 1446" ގެ މިސްޓަރ ބައިބަލާ، އަބްދުﷲާ ނިޝާން (އަބޯ) - ފޮޓޯ: ސިޑިބަރި
ކޮންމެ އަހަރެއްގައިވެސް ފިތުރު ޢީދާ ދިމާކޮށް ރާއްޖޭގައި ބައިބަލާ އެސޯސިއޭޝަނުން ބާއްވާ މި މުބާރާތަކީ އެކި ކުލަބުތަކުން ބޮޑެތި ޚަރަދުތަކެއް ކޮށް ތައްޔާރުވަމުންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 29 ޓީމަކުން ބައިވެރިވެފައިވެއެވެ.










