ހުޅުމާލޭގައި ކުރިއަށްދާ އީދު ބައިބަލާ ޗެލެންޖު 1447ގެ ލޫޒާސް ބުރުގައި ރޭ ކުޅުނު 6 މެޗުގެ ތެރެއިން 4 މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށް، ކްލަބް ޓީނޭޖާއި އެލްޓީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ލަޔަންސް އަދި ކުޑަހެންވޭރު ޔުނައިޓެޑް މުބާރާތުގެ 3 ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ރޭގެ ފުރަތަމަ މެޗުގައި ޓީސީ ރެޑް ލަޔަންސްއާ ދެކޮޅަށް ނުކުތް ކްލަބް ޓީނޭޖުން ވަނީ ފުރިހަމަ ކުޅުމެއް ދައްކައި ސީދާ ދެ ގޭމުން މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ގޭމްގައި އެތެރެއިން ކުޅެގެން ޓީނޭޖުން 14-7ގެ ފުޅާ ތަފާތަކުން ގޭމް ގެންދިޔައެވެ. ދެވަނަ ގޭމްގައި ބޭރުން އަރައި ޓީނޭޖުން ސްކޯ 7-7 އަކުން ހަމަހަމަކުރުމާއެކު ރެޑް ލަޔަންސް ވަނީ މެޗު ދޫކޮށްލައިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީނޭޖްގެ ޢަލީ ޝައިހާނެވެ.
ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތް އެލްޓީ ސްޕޯޓްސް ކްލަބުން ރޭ ދެއްކީ މުޅި މުބާރާތުގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ މޮޅު ކުޅުމެކެވެ. ފުރަތަމަ ގޭމްގައި އެތެރެއިން ކުޅެގެން ހަ މިނެޓުގެ ތެރޭގައި ބުރުގެ އެންމެ ދެ ކުޅުންތެރިން ނުބައިކޮށް 18-2ގެ ބޮޑު ތަފާތަކުން ގޭމް ކާމިޔާބުކުރިއެވެ. ދެވަނަ ގޭމްގައި ބޭރުން އެރި ނަމަވެސް އެލްޓީން ވަނީ އެންމެ ދެ މިނެޓުގެ ތެރޭގައި ސްކޯ އެ ޓީމުގެ ކޮޅަށް 6-4 އަކުން އަނބުރާލައިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެލްޓީގެ ސަރީސް އަހުމަދެވެ.
ލޮރެންޒޯ ހައީނާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޑަހެންވޭރު ލަޔަންސް އިން ދެ ގޭމުގައި ވެސް ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. ފުރަތަމަ ގޭމްގައި ބޭރުން ކުޅެގެން ދޮޅު މިނެޓުގެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ސްކޯ އަނބުރާލައި 7-5 އިން ގޭމް ކާމިޔާބުކުރިއެވެ. ދެވަނަ ގޭމްގައި އެތެރެއިން ކުޅެމުންދިޔައިރު، ލޮރެންޒޯ ހައީނާސް ބޭރުން ކުޅެގެން ހަ މިނެޓުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިކުރެވުނެވެ. ނަމަވެސް ކުޑަހެންވޭރު ލަޔަންސް އިން 9 ކުޅުންތެރިން ހިފަހައްޓާލައި ސްކޯ 11 އަށް އެރުވީ ޖެހިލުންކުޑަ ކުޅުމަކާ އެކުގައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޑަހެންވޭރު ލަޔަންސްގެ ޔޫސުފް ޖައިޝަމް ނާފިޒެވެ.
ރޭ ކުޅުނު އެންމެ ފަހު މެޗުގައި ހުޅުމާލޭ ސްޕޯޓްސް ކްލަބް ބަލިކޮށް 3 ވަނަ ބުރު ޔަގީންކުރީ ކުޑަހެންވޭރު ޔުނައިޓެޑެވެ. ފުރަތަމަ ގޭމްގައި އެތެރެއިން ކުޅެގެން ހަ މިނެޓުގެ ތެރޭގައި، ހުޅުމާލެ އަށް ނުބައިކުރެވުނީ އެންމެ ކުޅުންތެރިއެކެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ކުޑަހެންވޭރު ޔުނައިޓެޑް ވަނީ 15 ޕޮއިންޓް ހަމަކޮށް ގޭމް ކާމިޔާބުކޮށްފައެވެ. ދެވަނަ ގޭމްގައި ބޭރުން އަރައި ދެ މިނެޓުގެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ސްކޯ 5-6 އަށް އަނބުރާލައި، މެޗުގެ ފުރިހަމަ ކާމިޔާބީ ހޯދިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޑަހެންވޭރު ޔުނައިޓެޑްގެ އިބްރާހީމް އިކްރާމެވެ.
ރޭގެ މެޗުތަކުން މޮޅުވި 4 ޓީމު 3 ވަނަ ބުރުގައި ބައްދަލުކުރާނީ މޮޅުވަމުންދާ ޓީމުތަކުގެ ފަޅިން ކުޅޭ މެޗުތަކުން ބަލިވާ ޓީމުތަކާއެވެ.
އީދު ބައިބަލާ ޗެލެންޖު 1447ގެ ފޯރިގަދަ މެޗުތައް ކުރިއަށް ދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ސްޓޭޖްކޯ ޕްރައިވެޓް ލިމިޓެޑުން ހާއްސަކޮށް މި މުބާރާތަށް ބިނާކޮށްފައިވާ އެރީނާގައެވެ. ބައިބަލާ ކުޅުމަށް ފަރުމާކޮށް، ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި އެރީނާ ވެގެން ގޮސްފައި ވަނީ މުބާރާތުގެ ފޯރި އެތައް ގުނައެއް އިތުރުކޮށްދޭ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ.
ސްޓޭޖްކޯގެ ފުރިހަމަ އެރީނާގެ ސަބަބުން ކުޅުންތެރިންނަށް ވާދަވެރި މާޙައުލެއް ލިބިގެންދާއިރު، ބެލުންތެރިންނަށް ވެސް މެޗުތައް ބަލައިލުމުގެ ތަޖުރިބާ މުޅިން ތަފާތު ހަރުފަތަކަށް ގެންގޮސްދީފައިވެއެވެ.










