ޑަބަލް އެލިމިނޭޝަން އުސޫލުން 38 ޓީމާ އެކު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ގެންދާ މި އަހަރުގެ އީދު ބައިބަލާ ޗެލެންޖް 1447 ގެ ފައިނަލުގައި ބީޖީ ސްޕޯޓްސް ކްލަބާއި ޒެޕޯ ސްޕޯޓްސް ކްލަބް މިރޭ 9 ޖަހާއިރު ބައްދަލުކުރާނެއެވެ.
ފައިނަލުގެ ޖާގަ ދެ ޓީމުން ވެސް ކަށަވަރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ގަދަ ހިފުމަށް ގެންގޮސްގެންނެވެ. މި އަހަރު ގަދަ ހިފުން ކާމިޔާބު ކުރެވެނީ ތިން ހިފުން ގެންދާ ޓީމަކަށް ކަމަށް ގަވާއިދަށް ގެނެސްފައިވާ ބަދަލާ އެކު، ދެ ސެމީ ފައިނަލް ވެސް ފަސް ހިފުމާ ހަމައަށް ދެމިގެން ދިޔައެވެ. ބީޖީ ފައިނަލުގެ ޖާގަ ހޯދީ މި އަހަރު އަލަށް މުބާރާތުގައި ވާދަކުރި ދަ ވުލްވްސް ކްލަބް 3-2 އިން ބަލިކޮށްގެންނެވެ. ޒެޕޯ ފައިނަލަށް ދަތުރުކުރީ އޮޑި ސްޕޯޓްސް ކްލަބް ހަމަ އެ ނަތީޖާއިން ބަލިކޮށްގެންނެވެ.
މިރޭގެ ފައިނަލް އިތުރަށް ޝައުގުވެރި ކުރުވާ އެއް ސަބަބަކީ ދެ ޓީމުގެ މުޅިން ތަފާތު ދެ ތާރީޚެވެ. ރެކޯޑް 10 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބީޖީ އަކީ ބައިބަލާގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެ ޓީމު ފައިނަލެއްގައި އެންމެ ފަހުން ވާދަކުރީ މީގެ 12 އަހަރު ކުރިންނެވެ. އެ ޓީމު 2022 ގައި ބޭއްވި އީދު ބައިބަލާ ޗެލެންޖް 1443 އިން ފެށިގެން އަލުން މައިދާނަށް ނުކުމެ، މިރޭ ފައިނަލުގެ ޖާގައެއް ހޯދުމަކީ ބީޖީގެ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. އަނެއްކޮޅުން ޒެޕޯ އަކީ މިދިޔަ އަހަރު ބައިބަލާގެ މައިދާނަށް ނުކުތް ޓީމެކެވެ. ފުރަތަމަ އަހަރު ސެމީ ފައިނަލް ކުޅެ، ދެވަނަ އަހަރު ފައިނަލާ ހަމައަށް ވާސިލުވުމަކީ އެ ޓީމުގެ ހަލުވި ކުރިއެރުން ހާމަކޮށްދޭ ކަމެކެވެ.
ސެންޓްރަލް ޕާކު ސަރަހައްދުގައި ތައްޔާރުކޮށްފައިވާ ބައިބަލާ އެރީނާގެ ފުރިހަމަ މާހައުލާ އެކު މި އަހަރުގެ މުބާރާތް ވެގެން ގޮސްފައި ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ފޯރިގަދަ މުބާރާތަކަށެވެ. ރޭގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުތަކުގައި ފެނިގެން ދިޔަ ވާދަވެރިކަމާއި ގަދަ ހިފުންތަކުން ވެސް މި މުބާރާތުގެ ފެންވަރު ރަނގަޅުކަން ހާމަވެއެވެ.










