ޢީދު ބައިބަލާ ޗެލެންޖު 1447ގެ ލޫޒާސް ބުރުގައި ރޭ ކުޅުނު 6 މެޗުގެ ތެރެއިން އެންމެ ވާދަވެރި ދެ މެޗު ކާމިޔާބުކޮށް، ޓީސީ ފްރެޓާނިޓީއާއި ކްލަބް ކާސިންޖީ މުބާރާތުގެ 3 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ހުޅުމާލޭގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ފެނުނު މި ދެ މެޗަކީ ގަޑީގެ ފަހު ސިކުންތާ ހަމައަށް ނަތީޖާ ނޭނގި، ގަދަ ހިފުމާ ހަމައަށް ދަތުރުކުރި ފޯރިގަދަ ދެ ކުޅުމެވެ. ޓީސީ ފްރެޓާނިޓީއާއި އެސްޑީޒެޑް ޝާކް ބައްދަލުކުރި މެޗު ނިމުނީ ފުރަތަމަ ދެ ގޭމް އެއްވަރުވެ ގަދަ ހިފުމާ ހަމައަށް ދިއުމަށްފަހު، ޓީސީ ފްރެޓާނިޓީ ކުރި ހޯދައިގެންނެވެ.
ފުރަތަމަ ގޭމްގައި ބޭރުން އެރި އެސްޑީޒެޑް ޝާކުން ގޭމް ކާމިޔާބުކުރީ ގަޑި ހަމަވާން އެންމެ 6 ސިކުންތަށް ވެފައި ވަނިކޮށް ޓީސީގެ ކުޅުންތެރިއެއް ނުބައިކޮށް 8-7 ގެ ސްކޯއަކުންނެވެ. ނަމަވެސް ދެވަނަ ގޭމްގައި ޓީސީ ފްރެޓާނިޓީން ވަނީ ޖެހިލުންކުޑަ ކުޅުމެއް ދައްކައި ދޮޅު މިނެޓުގެ ތެރޭގައި ގޭމް އެ ޓީމުގެ ކޮޅަށް އަނބުރާލައިފައެވެ.
ދެ ގޭމް އެއްވަރުވުމުން ނަތީޖާ ނެރުނީ ގަދަ ހިފުމުންނެވެ. ގަދަ ހިފުމުގެ 5 ގޭމްގެ ތެރެއިން 3 ގޭމް ކާމިޔާބުކޮށް 3 ވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ ޓީސީ ފްރެޓާނިޓީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީސީ ފްރެޓާނިޓީގެ ޔައިޝް ބިން ހުސެއިން ޒުހެއިރެވެ.
ކްލަބް ކާސިންޖީއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ ތަފާތު ގޮތަކަށެވެ. ކާސިންޖީ އެއް ގޭމުން މޮޅުވެ، އަނެއް ގޭމް އެއްވަރުވުމުން މެޗުގެ ކާމިޔާބީ ލިބުނީ ކާސިންޖީ އަށެވެ.
ފުރަތަމަ ގޭމްގައި ބޭރުން ކުޅެގެން ކާސިންޖީ ވަނީ 8-5 އިން ގޭމް ކާމިޔާބުކޮށްފައެވެ. ދެވަނަ ގޭމްގައި ކާސިންޖީ އެތެރެއިން ކުޅެ ލީޑް ދަމަހައްޓަމުން ދަނިކޮށް، ގޭމްގެ އެންމެ ފަހު ސިކުންތުގައި ޓީސީ ސްޕޯޓްސް ކްލަބުން ކާސިންޖީގެ ކުޅުންތެރިއެއް ނުބައިކޮށް 6-6 އިން ނަތީޖާ ހަމަހަމަކުރީ ހައިރާންކުރުވަނިވި ގޮތަކަށެވެ. ނަމަވެސް ފުރަތަމަ ގޭމުން ހޯދި މޮޅާ އެކު މެޗުގެ ކާމިޔާބީ ލިބުނީ ކާސިންޖީ އަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކާސިންޖީގެ މުހައްމަދު ސައްމާހެވެ.
ރޭގެ ވާދަވެރި ދެ މެޗުން ފެނިގެންދިޔައީ ބައިބަލާ ކުޅިވަރުގެ އެންމެ ހާއްސަ ސިފަ ކަމުގައިވާ ފަހު ވަގުތާ ހަމައަށް ދެމިގެންދާ ފޯރިއާއި ވާދަވެރިކަމެވެ. ދެ ޓީމުވެސް 3 ވަނަ ބުރުގައި ބައްދަލުކުރާނީ މޮޅުވަމުންދާ ޓީމުތަކުގެ ފަޅިން ކުޅޭ މެޗުތަކުން ބަލިވާ ޓީމުތަކާއެވެ.
އީދު ބައިބަލާ ޗެލެންޖު 1447ގެ ފޯރިގަދަ މެޗުތައް ކުރިއަށް ދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ސްޓޭޖްކޯ ޕްރައިވެޓް ލިމިޓެޑުން ހާއްސަކޮށް މި މުބާރާތަށް ބިނާކޮށްފައިވާ އެރީނާގައެވެ. ބައިބަލާ ކުޅުމަށް ފަރުމާކޮށް، ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި އެރީނާ ވެގެން ގޮސްފައި ވަނީ މުބާރާތުގެ ފޯރި އެތައް ގުނައެއް އިތުރުކޮށްދޭ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ.
ސްޓޭޖްކޯގެ ފުރިހަމަ އެރީނާގެ ސަބަބުން ކުޅުންތެރިންނަށް ވާދަވެރި މާޙައުލެއް ލިބިގެންދާއިރު، ބެލުންތެރިންނަށް ވެސް މެޗުތައް ބަލައިލުމުގެ ތަޖުރިބާ މުޅިން ތަފާތު ހަރުފަތަކަށް ގެންގޮސްދީފައިވެއެވެ.










