އަންނަ އަހަރުގެ ޖޫން 11 ގައި ފަށާ ފީފާ ވޯލްޑް ކަޕް ގައި ބައިވެރި ނުކުރެވޭނޭ ގޮތަށް ތިން ގައުމެއް ރަސްމީކޮށް ސަސްޕެންޑް ކޮށްފިއެވެ.
ސިޔާސީ ސަބަބުތަކާހުރެ ސަސްޕެންޑް ކޮށްފައިވާ ގައުމު ތަކަކީ ރަޝިޔާ، ޕާކިސްތާން އަދި ރިޕަބްލިކް އޮފް ކޮންގޯ އެވެ.
އެމެރިކާ، ކެނެޑާ، އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތަކީ ތާރީހުގައި ފުރަތަމަ ފަހަރަށް 48 ޓީމުގެ ފުޅާ ފޯމެޓެއް ކުޅޭނެ މުބާރާތް ވެސް މެއެވެ.
ރަޝިޔާ ސަސްޕެންޑް ކޮށްފައިވަނީ ފެބްރުއަރީ 28، 2022 އިން ފެށިގެން، ޔުކްރޭނާއި ދެމެދު ހިނގަމުންދާ ކަންތަކުގެ ސަބަބުންނެވެ. ފީފާ އާއި ޔޫއެފާ ގުޅިގެން ރަޝިޔާގެ ގައުމީ ޓީމާއި އެ ގައުމުގެ ކްލަބްތައް ވެސް ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ސަސްޕެންޑް ކޮށް އަދި އެކަހެރި ކޮށްފައެވެ. މިއީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރަޝިޔާ އަށް ނުކުޅެވޭނެ ސަބަބެވެ.
ފީފާ ވޯލްޑް ކަޕްގައި ރަޝިޔާ އެންމެ ފަހުން ކުޅުނު މެޗަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ސޯޗީގައި ބޭއްވި ކުއާޓާ ފައިނަލް މެޗެވެ. ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު އެމެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަތުވެގެންނެވެ. އިތުރު ވަގުތަށް ފަހު ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ މޮޅުވީ 4 – 3 އިންނެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކުއާޓަ ފައިނަލުގައި ކްރޮއޭޝިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ރަޝިއާގެ ޑެނިސް ޗެރިޝޯ (ޖަރޒީ ނަންބަރު 6) އުފާފާޅުކުރަނީ.
ކުރ9ޔަށް އޮތް ވޯލްޑް ކަޕަށް ދެން ސަސްޕެންޑް ކޮށްފައިވާ ޓީމަކީ އަވަށްޓެރި ޕާކިސްތާނެވެ. އެ ގައުމު ސަސްޕެންޑް ކުރީ މިއަހަރުގެ ފެބްރުއަރީ 7 ގައެވެ.
ފީފާއިން ބުނީ ޕާކިސްތާން ސަސްޕެންޑް ކުރީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) ގެ ތެރޭގައި ހިނގަމުންދާ މައްސަލަތަކާއި ގުޅިގެންނެވެ. ފީފާއިން ވަނީ ޕީއެފްއެފްގެ ގާނޫނުތައް އިސްލާހުކޮށް، އިންސާފުވެރި، ޑިމޮކްރެޓިކް އިންތިހާބުތައް ކުރިއަށް ނުގެންދިއުމަކީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އަސާސީ ސަބަބެއް ކަމަށް ބުނެފަ އެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ފީފާ އިން ޕާކިސްތާން ސަސްޕެންޑް ކުރި ތިން ވަނަ ފަހަރެވެ.
ޕާކިސްތާނަކީ ދުވަހަކު ވެސް އަދި ވޯލްޑްކަޕަށް ކޮލިފައިވި ޓީމެއް ނޫނެވެ. ބައިނަލް އަޤްވާމީ ފުޓްބޯޅައިގައި އެ ޤައުމުން ހޯދި އެންމެ ރަނގަޅު ނަތީޖާއަކީ 2001 ވަނަ އަހަރު އޮކްޓޯބަރުގައި 7-0 އިން ގުއާމް ބަލިކުރުމެވެ.
ޕާކިސްތާން އެންމެ ފަހުން ކުޅުނު އިންޓަރނޭޝަނަލް މެޗަކީ އަންނަ އަހަރުބކުޅޭ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ މާޗް 26 ގައި ޖޯޑަން އާއި ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ޕާކިސްތާނު ބަލިވީ 0-7 ލަނޑުންނެވެ.
އަންމާން އިންޓަނޭބަނަލް ސްޓޭޑިއަމްގައި މިދިޔަ އަހަރުގެ މާޗް 26 ގައި ޖޯޑަން އާއި ދެކޮޅަށް ޕާކިސްތާނު ކުޅުނު މެޗުގެތެރެއިން: މި މެޗުން ޕާކިސްތާން ބަލިވީ 0-7 ލަނޑުން
ކުރިޔަށް އޮތް ވޯލްޑް ކަޕަށް ފީފާއިން ދެން ސަސްޕެންޑް ކޮށްފައިވާ ގައުމަކީ ރިޕަބްލިކް އޮފް ކޮންގޯއެވެ. އެ ގައުމަށް ވެސް މިއަހަރުގެ ފެބްރުއަރީ 7 ގައި ސަސްޕެންޝަން ކުރިމަތިވީ، ގައުމީ ފުޓްބޯޅަ ފެޑެރޭޝަން (ފެކޯފޫޓް) ގެ ހިންގުމަށް ސަރުކާރުން ތަދައްޚުލުވުމުގެ ސަބަބުންނެވެ.
ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާއިރު، ފީފާ އަކީ ވަރަށް ބޮޑަށް ކޮރަޕްޓް ޖަމިއްޔާއެއް ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. ހަނގުރާމައިގެ ކުށް އަޅުވައި ރަޝިއާ ސަސްޕެންޑް ކުރިއިރު ޔުކްރޭން ސަސްޕެންޑެއް ނުކުރެއެވެ. ހަމަ އެހެންމެ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން މަރަމުންދާއިރު އިސްރާއީލެއްވެސް ސަސްޕެންޑެއް ނުކުރެއެވެ.