"ޕްރިވެންޓިވް ހެލްތު ކެއަރ" ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "އިންވެސްޓްކުރަން" ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.
"ޕްރިވެންޓިވް ހެލްތު ކެއަރ" ނުވަތަ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ޞިއްޙީ ދާއިރާއިން އިސްކަންދޭން ބޭނުންފުޅުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަޤީޤަތުގައި، ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
މީގެ އިތުރުން "ޕްރިވެންޓިވް ހެލްތު ކެއަރ" އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތަކާއި، ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫދު ކަސްރަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެކި މަޝްރޫޢުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުޑަކުދިންވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، ޢާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދިންގެ ޕާކްތައް ހަދަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށްވެސް ހަމަޖެހުން ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށާއި، ސަލްޓަން ޕާކް މަރާމާތުކުރުމަށް ކުރައްވާނެ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެ ޕާކް ތަރައްޤީ ކުރައްވާނީ "އެޑްވެންޗަރަސް" ކަންކަން ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ހިންގާ ކުޅިވަރާ ގުޅުންހުރި މަޝްރޫޢުތައް ހިންގަވަނީވެސް "ޕްރިވެންޓިވް ހެލްތު ކެއަރ"އަށް މަގުފަހިކުރުމުގެ މަޤްޞަދު ހާސިލުކުރެވޭނެ ގޮތަށް ކަމަށެވެ.
ރައީސް ވަނީ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ހިންގޭ ޕަބްލިކް ހެލްތުގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ދަމަނަވެށީގެ ޚިދުމަތް ކޮންމެ އަތޮޅެއްގައި ދިނުމަށް، މަސައްކަތްޕުޅުތަކެއް ކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ކަންކަން މިފަދައިން ކުރެވުމާއެކު، ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދު ކުރެވި، ރާއްޖޭގައި ތިބެގެން ޞިއްޙީ ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދު އަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރިވާ ކަމަށާއި، ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބިގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.









