ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ސިނގިރޭޓު ބުއިމާއި އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން އެންމެހައި ފަރާތްތަކަށް ބާރުއެޅުއްވިއެވެ.
ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑު ކުރުމުގެ މައިގަނޑު މަފްހޫމަކީ އެކަމުން ރައްޔިތުން ސަލާމަތް ކުރުން ކަމަށާއި އެކަމަކީ ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ. އަދި އެހެން އެކަން ކޮށްފިނަމަ އެއީ ސިނގިރޭޓު އެތެރެކުރާ މީހުންނަށް އެއިން ބޮޑުވާބައި ހަމަޖައްސައިގެން، ވިއްކަމުންދާން ލިބޭނެ ފުރުޝަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
މިއާއެކު ރައީސް ވަނީ ސިނގިރޭޓު އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލަން އެދިވަޑައިގެންފައެވެ.
ރާއްޖެއަކީ މިލިއަނުން މީހުން އުޅޭ ޤައުމެއް ނޫން ކަމަށާއި، މިއީ މިފަދަ ކުޑަކުޑަ މުޖުތަމަޢެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވަނީ މިކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ގޮވާލައްވާފައެވެ.









