ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މަދުވެގެން 65 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާތަކުގައި ޝަހީދުވި ގިނަ މީހުންނަކީ އާންމު ރައްޔިތުންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. މި ހަމަލާތައް ދީފައިވަނީ މުސްލިމުންގެ ޢީދު ދުވަހާއި ދިމާކޮށެވެ. މިކަމުގެ ސަބަބުން އީދުގެ އުފާވެރިކަން ވަނީ ހިތާމައަކަށް ބަދަލުވެފައެވެ.
ގިނަ ފަލަސްޠީނު ރައްޔިތުން އީދު ނަމާދު ކޮށްފައިވަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގައެވެ. ޢީދު ނަމާދުގައި އެމީހުން ރޯ މަންޒަރު ފެނުނެވެ.
މަތީގައިވާ ދެފޮޓޯގެތެރެއިން ފުރަތަމަ ފޮޓޯއިން ފެންނަނީ ޢީދު ނަމާދަށްހުރެ ފަލަސްޠީނު ރައްޔިތަކު ޝަހީދުކޮށްލާފައިވާ އޭނާގެ އާއިލާގެ މީހުން މަތިން ހަނދާންވެ ރޮވޭ މަންޒަރެވެ. / ވީޑިއޯ ސްކްރީންޝޮޓް: ރޮއިޓާސް
ފަލަސްޠީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނެފައިވާ ގޮތުގައި ރަފާގެ ތެލް އަލް ސުލްޠާން ސަރަހައްދުން އެމަޖެންސީ މުވައްޒަފުންގެ 14 ހަށިގަނޑު ވެސް ވަނީ ފެނިފައެވެ. މި މީހުންގެ ތެރޭގައި ޕީއާރުސީއެސްގެ މުވައްޒަފުންނާއި، ސިވިލް ޑިފެންސްގެ މެންބަރުންނާއި، އދ ގެ މުވައްޒަފެއް ހިމެނެއެވެ. މި މީހުން މަރުވެފައިވަނީ އިސްރާއީލުގެ ހަމަލާއަކުންނެވެ. ޕީއާރުސީއެސް އިން މިކަން ކުށްވެރިކޮށް ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) އިން ވަނީ ޕީއާރުސީއެސްގެ 8 މެޑިކް މުވައްޒަފުން މަރުވުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން އެމީހުންގެ އެންމެ ގިނަ މުވައްޒަފުން މަރުވި ހަމަލާއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ 50,000 އަށްވުރެ އިތުރުވެފައެވެ. މަރުވި މީހުންގެ ތެރެއިން ގިނައީ އާންމު ރައްޔިތުންނެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ އިސްވެރިން ވަނީ ރަފާގެ ގިނަ ސަރަހައްދުތައް ހުސްކުރުމަށް އަމުރުކޮށްފައެވެ.