ޕާކިސްތާނުގައި އިއްޔެ ޓެރަރިސްޓުން ކަމަށްހީކޮށް ބަޑިޖަހައި ޢާންމުންގެ ތެރެއިން 10 މީހުން މަރައިލި މައްސަލަ ހޫނުވެއްޖެއެވެ.
ޚައިބަރު ޕަޚްތުންޚްވާ ޞޫބާގެ ކަޓްލަންގް ސަރަޙައްދުގައި ޕާކިސްތާނުގެ ސިފައިން ޙަމަލާދިނީ ޓެރަރިސްޓުންބެ ބަޔަކު ޢިމާރާތެއްގެތެރޭގައި ފިލައިގެން އުޅޭކަމަށް ހީކޮށްގެންނެވެ.
ޞޫބާގެ ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޢަލީ ސައިފް ވިދާޅުވި ގޮތުގައި އެ ސަރަޙައްދަކީ ޓެރަރިސްޓުން ފިލައިގެން އުޅޭ ތަނެއް ކަމަށް ޤަބޫލުކުރެވުނެވެ. ނަމަވެސް، ފަހުން ލިބުނު މަޢުލޫމާތުން ހާމަވީ އެތަނުގައި ތިބީ ޢާންމު ރައްޔިތުންނެވެ. އަދި އެމީހުންގެ އަތުގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނެތެވެ.
މި ހާދިސާއާއި ގުޅިގެން، އެސަރަޙައްދުގެ ރައްޔިތުން ވަނީ މަރުވި މީހުންގެ ހަށިތައް މަގުމަތީގައި އެތުރުމަށްފަހު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.
ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދޭނެ ކަމަށް ވަޢުދުވެފައެވެ.
މި އޮޕަރޭޝަނުގައި މުހިންމު އަމާޒުތަކެއް ކަމަށް ބެލެވޭ ގިނަ ޓެރަރިސްޓުންތަކެއް ނައްތާލެވުނު ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.









