ތަނަވަސްކަމުގެ އަޙުލުވެރިން ޢީދު ފާހަގަކުރުމުގައި ފަޤީރުންނާއި މިސްކީނުން ބައިވެރިކުރުމަށް ޢީދު ޚުޠުބާގައި ގޮވާލައިފިއެވެ.
ޚުޠުބާގައި ބުނީ އިސްލާމީ ޢީދުތަކަކީ، އޭގެ އުފަލުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިޙުތިފާލުތަކެއް ކަމަށާއި، ޢީދު ދުވަހު އުފާ ފާޅުކުރަންވީ ހަމަ އެކަނި ތަނަވަސް މީހުން އެކަންޏެއް ނޫން ކަމަށެވެ. ތަނަވަސްކަމުގެ އަހުލުވެރިން، އެ ދުވަހުގައި އުފާފާޅުކުރަންވީ ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެން ކަމަށް ޚުޠުބާގައި ބުންޏެވެ.
ފިޠުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައިވަނީ، އޭގެ ސަބަބުން ފަޤީރުންނަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބުނީ އިސްލާމީ ޢީދުތަކަކީ، ޒީނަތްތެރިވުމުގެ މުނާސަބަތުތަކެއް ކަމުން، ޢީދު ދުވަހު ހިނައިގަތުމާއި، އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން، ސުންނަތްވެގެންވާ ކަމަށެވެ. އަދި ހުވަނދުލުމާއި، މީރު ވަސް ދުވާ އެއްޗެހީގެ ބޭނުންކުރުމަކީ، އިސްލާމީ ރިވެތި އަދަބެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުން އެނގޭގޮތުގައި، އިސްލާމް ދީން މަނާކުރަނީ، އިސްރާފުކުރުމާއި، ބޮޑާކަމާއި، ކަންދެއްކުމުގެ ސިފަޖެހިފައިވާ ކަންތައްތައް ކަމަށެވެ.
ޢީދު ދުވަހަކީ ތަކުބީރުގެ ދުވަހެއް ކަމަށާއި، އަހަރެމެން މުސްލިމުންގެ ޢީދުގެ ޒީނަތްތެރިކަމަކީ ތަކުބީރު ކަމަށް ޚުޠުބާގައި ބުންޏެވެ.
އިސްލާމީ ޢީދުތައް ފެށެނީ މާތް ﷲއަށް ޝުކުރު ދެންނެވުމަށްޓަކައި ކުރެވޭ ޢީދު ނަމާދުގެ ޖަމާޢަތުންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ މި ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅުކުރެވޭ ކަމަށެވެ.
މީގެ އިތުރުން، ޢީދު ދުވަހު އަހަރެމެންގެ އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެ ކަމަށާއި މިއަދު އަހަރެމެން ޢީދުގެ އުފާ ފާޅުކުރަމުންދާ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންގެ މަތީން ހަނދާންކުރަން ޖެހޭކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރުމަށް ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ.