ފިޠުރު ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވާފިއެވެ.
ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރުން ކަމަށެވެ. އަދި މުސްލިމުން އެކަކު އަނެކަކަށް ހެޔޮ އެދުމާއި، އިސްލާމީ އަޚުވަންތަކަން ދިރުވުމާއި، ޞަދަޤާތާއި ހަދިޔާ ދިނުމަކީވެސް ޢީދުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮންމެ މީހަކުވެސް، ޚާއްޞަކޮށް ރަމަޟާންމަހު އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން، ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރަންވާނެ,. ރައީސް ވިދާޅުވިއެވެ. އަދި ޢީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި ޢަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަމަށެވެ.
ރައީސް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި އަދި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓެއް ހިއްސާކުރައްވައި، ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސްގެ މި މެސެޖުތަކުގައި، އެމަނިކުފާނު ވަނީ ރޯދައިގެ މަތިވެރި އަޅުކަން ޤަބޫލުކުރެއްވުން އެދި ހެޔޮ ދުޢާ ތަކުރާރުކުރައްވައި، ފިޠުރު ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.









