ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ފުލުހުންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ޚިދުމަތުގައި ރެޔާއި ދުވާލު ދިވެހި ފުލުހުން ޒިންމާދާރުކަމާއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށުނީ 1933 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހުއެވެ. އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައެވެ.
މިހާރުގެ ސަރުކާރުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 28 ޕޮލިސް ޕޯސްޓް ހުޅުވާފައިވެއެވެ.
83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަށް ރޭވިފައިވާއިރު ފުލުހުންގެ ޤާބިލިއްޔަތު އިތުރުކުރުމަށް ފަންނީ އަދި ތަޢުލީމީ ވަޞީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރެވިފައިވެއެވެ.









