މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އާއިލާތަކަށް ޚާއްޞަކޮށްގެން ބާއްވާ "3 ޖެނެރޭޝަން ވޯކް" މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ. މި ހިނގާލުން އޮންނާނީ މިއަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދިންގޮތުގައި، މި ހަރަކާތުގައި ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން ހިނގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ ދޮށީ އުމުރުގެ މީހުންނަށްވެސް ފަސޭހައިން މި ހިނގާލުމުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށެވެ.
އެ އިދާރާއިން އިތުރަށް މައުލޫމާތު ދިންގޮތުގައި، ކުޑަކުދިންނާއި މައިންބަފައިން އަދި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ މި ހަރަކާތުގައި ޚާއްޞަ ހިނގާލުމެއްގެ އިތުރުން އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ރާވާފައި ވެއެވެ. އެގޮތުން ސްޓޯލް ހަރަކާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެއެވެ.
ޕެންޝަން އޮފީހުން ބުނީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދޮށީ އުމުރުގެ ފަރާތްތަކަށް އާއިލާއާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި. ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ އާއިލާތަކުގެ ތިން ޖީލުގެ މީހުންނަށް ޚާއްޞަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ މިފަދަ ތިންވަނަ ހަރަކާތެވެ.