ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޖުމްލަ 2،843 ޝަކުވާ ލިބިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ 2،079 ޝަކުވާއާއި ދެކޮޓަރީގެ އެޕާޓްމަންޓާ ގުޅިގެން ހުށަހަޅާފައިވާ 764 ޝަކުވާއެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން މިނިސްޓްރީން ވިދާޅުވެފައިވަނީ، ކުރިން އެއް މަސް ދުވަހަށް ހުޅުވާލާފައިވާ މުއްދަތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދީފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން 1،423 ފަރާތަކަށް ވަނީ 75 ޕޮއިންޓަށްވުރެ މަތިން ލިބިފައެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން 397 ފަރާތަކަށް ވަނީ 73 ޕޮއިންޓަށްވުރެ މަތިން ލިބިފައެވެ.
ޖުމްލަ ގޮތެއްގައި، ޗެކްކުރެވުނު 4،939 ފޯމުގެ ތެރެއިން 1،820 ފަރާތަކަށް ފްލެޓް ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ގެދޮރުވެރިކަމުގެ މައްސަލައަކީ ދިވެހިރާއްޖޭގައި، ޚާއްޞަކޮށް މާލެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި ސްކީމަކީ ކުރީގެ ސަރުކާރުން ތަޢާރަފުކޮށްފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫޢެއް ކަމުގައިވާއިރު، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި މަޝްރޫޢުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ވީހާވެސް އަވަހަކަށް ޙައްލެއް ހޯދައި، މަޝްރޫޢު ކުރިއަށް ގެންދިއުމަށެވެ.
ފަހުން ނެރުނު ލިސްޓުގައި އުޞޫލުގައި ނެތް ކަންތަކަށް ރިޢާޔަތްކޮށް، ފުލެޓަށް ޝަރުތު ހަމަވާ ފަރާތްތައް ވަނީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ކަމަށް ބުނެ ވެސް ޝަކުވާ ހުށަހަޅާފައި ވެއެވެ.









