ފަހިދިރިއުޅުން ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން: ހަމްދާން

މުހައްމަދު ޖަމްޝަތު | 8 ދުވަސް ކުރިން - 11 އޮކްޓޯބަރު 2025 16:10
ހުޅުމާލޭގައި ހަދަމުން އަންނަ ފަހިދިރިއުޅުން ފްލެޓުތަކެއް، އެތަންތަން ކުއްޔަށްދޭނަމަ ފްލެޓް އަތުލާނެ ކަމަށް އެފްޑީސީން ބުނޭ---ފޮޓޯ:ހުލާސާ
ހުޅުމާލޭގައި ހަދަމުން އަންނަ ފަހިދިރިއުޅުން ފްލެޓުތަކެއް، އެތަންތަން ކުއްޔަށްދޭނަމަ ފްލެޓް އަތުލާނެ ކަމަށް އެފްޑީސީން ބުނޭ---ފޮޓޯ:ހުލާސާ
ޚުލާސާ

ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އެކި ޕޭޖުތަކުގައި ޖަހާތީ، ސޯޝަލްމީޑިއާގައި އާއްމުން ދަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ޝަކުވާ ކުރަމުން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ ފަހިދިރުއުޅުން ފްލެޓުތައް ކުއްޔަށްދޭނަމަ ފްލެޓުގެ ވެރިފަރާތް ހޯދައި ފްލެޓް އެއްބަސްވުން ބާތިލުކުރާނެ ކަަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެ އެވެ.

ފަހިދިރިއުޅުން ފްލެޓުތަކުގެ އެއްބަސްވުނަތައް ހަދައި ފްލެޓުތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ނުނިމެނީސް ފްލެޓު ލިބުނު ފަރާތަކުން ވަނީ އެތަން ކުއްޔަށް ދިނުމަށް އައިބޭގައި އިސްތިހާރުކޮށްފަ އެވެ. ތިން ކޮޓަރީގެ އެ ފްލެޓް ކުއްޔަށްދޭން ޖަހާފައިވަނީ 25،000ރ އަށެވެ.

މިކަމާއި ގުޅިގެން ހަމްދާން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓު ތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓުތަކެއް ކަމަށާއި އެއްބަސްވުމާއި ހިލާފަށް ފްލެޓު ކުއްޔަށް ދޭ ނަމަ ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި އެއްބަސްވުމުގައިވާ ގޮތަށް އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުންތައް ބާތިލުކޮށް ފްލެޓު އަތުލާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަފިޔަވަހިން ދޫކުރާ 4،000 ފްލެޓް ލިބުނު ފަރާތްތަކަށް އެތަންތަނުގެ ތަޅުދަނޑި ހަވާލުކުރަން ފެށިތާ އަދި ވީ އެންމެ ދެ ހަފްތާ އެވެ. ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާންކުރި އިރު އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި މިވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.

މި ފްލެޓު ތަކުގެ ތަޅުދަނޑި ހަވާލުކުރަމުން ދަނީ އެއްބަސްވުމުގައި ސޮއިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންނަށެވެ. މިހާތަނަށް ފްލެޓު ތަކުގެ ތަޅުދަނޑި ހަވާލުކޮށްފައިވަނީ 78 ފަރާތަކަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ އެ މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.

މި ފްލެޓް މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%