ގެދޮރުވެރިޔާ ސްކީމް: 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު | 17 ދުވަސް ކުރިން - 28 ޑިސެންބަރު 2025 16:24
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ޓަވަރުތަކެއް---ފޮޓޯ: ޚުލާސާ
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ޓަވަރުތަކެއް---ފޮޓޯ: ޚުލާސާ
ޚުލާސާ

4،000 ފްލެޓު ލިބުނު ފަރާތްތަކުގެ އެދުމަށް އެ ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް، ސަރުކާރުން ވަނީ ކުޑަކޮށްފަ

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅެއްޖެއެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ، ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ 3،879 ފަރާތަކާއެކު ފްލެޓު އެއްބަސްވުން ގާއިމްކުރެވިފައިވާ ކަމަށާއި އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާވެސް ޖެނުއަރީ މަހު ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓު ހަވާލުކުރުން ލަސްވެގެންގޮސްފައިވަނީ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައިނުވުމުން ކަމަށެވެ. އަދި އެ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރު ހަވާލުވީއިރު މަސައްކަތް ނިމިފައިވަނީ 33 ޕަސެންޓް، ދެ އަހަރު ތެރޭ 68 ޕަސެންޓް މަސައްކަތް ނިންމައި، ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމައި، ލޭންޑު ސްކޭޕިންގެ މަސައްކަތް ނިންމައި، މިހާރު ފްލެޓުތައް ހަވާލުކުރަމުން އެދަނީ،" މުއްތަލިބް ވިދާޅުވިއެވެ.

ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. ސަރުކާރުން ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.

މި ފްލެޓުތައް ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ އެ އަގުތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން، މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.

މި ގެނައި ބަދަލުތަކާއެކު މިހާރު ޑައުންޕޭމަންޓުގެ ގޮތުގައި ކުރީގެ އަގުތަކާ އެއްގޮތަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފްލެޓެއްގެ ޑައުންޕޭމަންޓަށްވާ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ މަހު ކުލިން އުނިކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން ނިންމާފައިވާގޮތުގައި ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް އެ މުއްދަތުގައި ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%