ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރައީސް ޑރ. މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މިލަންދޫގައި އިސްލާމީ މަރުކަޒެއް ޢިމާރާތްކުރުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ނުވަ މަަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
މިލަންދޫގައި އިސްލާމީ މަރުކަޒެއް ޢިމާރާތްކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ރަށުގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވެސް އިސްލާމީ މަރުކަޒާގައި މިސްކިތްތައް އަޅަން މިފަހުން ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.









