މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަޙްމަދު މަޢުޞޫމް މިއަދު އައްޔަން ކުރައްވައިފިއެވެ.
ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެންމެ އިސް މަޤާމަށް އައްޔަން ކުރެވުނު އަޙްމަދު މަޢުޞޫމަކީ މެނޭޖްމަންޓް ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަ ޖެނެރަލްގެ މަޤާމުވެސް މީގެ ކުރިން އަދާކުރައްވާފައިވެއެވެ،
ޞިއްޙީ ވުޒާރާއިން މިއަދު ބުނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާއި ޑިރެކްޓަރެއްގެ މަޤާމަށްވެސް ދެ ބޭފުޅުން ވަރަށް އަވަހަށް އައްޔަން ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، އެ އިދާރާއަށް ފިޒީޝަނެއްވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އެމްބީއެސް އަށް ބޭނުންވާ 5 ނަރުހުން ހޯދުމަށް މިއަދު އިޢުލާން ކޮށްފައިވާއިރު، އެހެނިހެން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
އެގޮތުން، ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.









