ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން، އިތުރު 1500 އަށްވުރެ ގިނަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ފްލެޓު ލިބޭ މީހުންގެ ލިސްޓާ ގުޅޭގޮތުން އިތުރު 1575 ޝަކުވާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓް ލިސްޓާ ގުޅޭގޮތުން ހުށައަޅާފައިވާ 1176 ޝަކުވާއާއި 2 ކޮޓަރީގެ އެޕާޓްމަންޓާ ގުޅޭގޮތުން ހުށައަޅާފައިވާ 399 ޝަކުވާއެވެ.
ފްލެޓު ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ކުރިން މި މުއްދަތު ހަމަވާގޮތަށް އޮތީ މި މަހުގެ ނިޔަލަށެވެ.
ވުޒާރާއިން ބުނީ ޝަކުވާ ހުށައަޅާއިރު އެ މީހަކު މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ހުރި ސަރުކާރުގެ އިދާރާތަކުގެ މަޢުލޫމާތުގެ ތަފްޞީލު ޕޯޓަލް މެދުވެރިކޮށް މިހާރު ލިޔެވޭނެ ކަމަށެވެ.
"ފްލެޓު ލިބޭމީހުންގެ ލިސްޓު ވެރިފައިކުރުމަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށައަޅާ ޝަކުވާތައް ބަލާއިރު ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކުގެ ތެރެއިން އެވުޒާރާއަށް ބެލެންހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ." އެ ވުޒާރާއިން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެރިފައިކުރުމަށްފަހު އާންމުކޮށް، ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.
މުޅި ފްލެޓު ލިސްޓާ ގުޅޭގޮތުން މިހާތަނަށް ޖުމްލަ 2843 ޝަކުވާ ލިބިފައިވާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.