މުސްތަޤުބަލުގެ ޖީލުތަކަށް، ޓީބީ އިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމަށް އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭން ޓިއުބަރކިއުލޯސިސް (ޓީބީ) ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
1. ޓީބީ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ސާބިތުކަމާއެކު ކުރިއަށްދާކަން،
2. ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދިނުން ފަދަ ކަންކަން ކުރިއަށްދާކަން،
3. ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70% އަށް އަދި ފަރުވާ ދެވޭ މިންވަރު 85% އަށް އިތުރުކުރުމުގެ އަމާޒަށް ވާޞިލުވެފައިވާ 5 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން،
4. ކުރިއަށް އޮތް ތަނުގައި ޓީބީ އަވަހަށް ދެނެގަތުމާއި ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުކަން ދޭނެކަން،
5. ލޭޓެންޓް ކޭސްތަކަށް ޓީޕީޓީ ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރަމުންދާކަން އަދި
6. ޓީބީ ހުއްޓުވުމާއި، ސްކްރީންކުރުމާއި، ބަލި ޑައިގްނޯޒްކޮށް ފަރުވާދިނުން ރާއްޖޭގެ އަސާސީ ޞިއްޙީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން ކުރިއަށްދާކަން ހިމެނެއެވެ.
ދިވެހިރާއްޖެއަކީ 1998 ވަނަ އަހަރުން ފެށިގެން ޓީބީ ކޭސްތައް ދެނެގަތުމުގައި 70% އާއި ބަލިން ފަރުވާ ހޯދުމުގައި 85% ހާސިލްކޮށްފައިވާ 5 ޤައުމުގެ ތެރެއިން އެއް ޤައުމުކަން ރައީސް ފާހަގަކުރެއްވިއެވެ.









