މިފްކޯއިން މި މަހުގެ 20 ވަނަ ދުވަހު ކިރުވި މަހަށް 3.5 މިލިޔަން ރުފިޔާ މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްދީފިއެވެ. މިފްކޯއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ފައިސާ ޖަމާކޮށްފައިވަނީ 40 ދޯންޏަކުން ކިރުވި މަހަށެވެ.
މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖަމާކުރަންޖެހޭ ފައިސާ މިހާރު ވަނީ ޖަމާކޮށް ނިމިފައެވެ. އަދި އެހެން ބޭންކުތަކަށް ޖަމާކުރަންޖެހޭ ފައިސާ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:30 އަށް ޖަމާކުރާނެ ކަމަށްވެސް މިފްކޯއިން ފާހަގަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.