ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަދަރީއާއި ބޮޑުވަޒީރު ޝަބާޒް ޝަރީފާއި އަދި ޕާކިސްތާނުގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް މުޢިއްޒުގެ މި ތަހުނިޔާގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމަކީ އިޙްތިރާމާއި އެއްގޮތް ހަމަތަކެއްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.
ޕާކިސްތާން ދުވަސް ފާހަގަކުރަނީ އެ ޤައުމުގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލެވުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ޕާކިސްތާނުގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލެވުނީ 1956 ވަނަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ.









