ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން ނިންމެވީ މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތާމެދު ހިތްހަމަނުޖެހިގެން ބައެއް ފަރާތްތަކުން ރޭ މުޒާހަރާކުރުމާއި ގުޅިގެންނެވެ.
މުޒާހަރާ ކުރިތާ 24 ގަޑިއިރު ނުވަނީސް، މިއަދު ރައީސް ވަނީ މާލޭގެ ތެލެސީމިއާ ސެންޓަރާއި ހުޅުމާލޭގައި ތަރައްޤީކުރަމުންދާ އައު ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ މަސައްކަތްތަކާއި ކުދިންގެ ހާލަތު ގާތުން ބައްލަވައި، ޝަކުވާތައް އަޑުއައްސަވާފައެވެ.
ރައީސް އޮފީހުން އާންމުކުރި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، "ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރިއަށް ގެންދާނެ ގޮތްތަކާއި އިރުޝާދުތައް ދެއްވާފައިވާނެ" ކަމަށެވެ. އަދި އެކަންކަން ކުރަންވީ މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް އިތުރަށް ވިދާޅުވީ، "ތެލެސީމިއާ ބަލި މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭ ގޮތްތަކެއް ވަގުތުން ވަގުތަށް ހޯދުމަށް ވާނީ މަޝްވަރާކޮށް ކުރިއަށްދާނެ ގޮތް ދަންނަވާފައި" ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރ ޖެނެރަލްއެއް ނެތި ހިންގަމުން އައި ސެންޓަރަށް އެ މަޤާމު ވަގުތުން ހަމަޖެއްސުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށް ރައީސް ނިންމެވި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ތަނަށް ބޭނުންވާ ނަރުހުން އިތުރުކުރުން
- އެކި ސާމާނުތައް ހޯދުން
- ސީނިއަރ ފިޒީޝަނެއް ހަމަޖެއްސުން
- ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މުވުވައްޒަފުން ހޯދުން
- މަސައްކަތުގެ ގަޑި އިތުރުކޮށް ހިއުމަން ރިސޯސް އިތުރުކުރުން
ރައީސް ވިދާޅުވީ، މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވެސް ބައިވެރިކޮށްފައިވާނެ ކަމަށާއި، ތެލެސީމިއާ ސެންޓަރުގެ މަސައްކަތަށް ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތި ނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެއްވާފައިވާނެ ކަމަށެވެ.
އެގޮތުން، ހުޅުމާލޭގައި އިމާރާތްކުރަމުންދާ އައު ތެލެސީމިއާ ސެންޓަރާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ބައެއް މުހިންމު ނިންމުންތައް ނިންމާފައި ކަމަށެވެ. އެ އިމާރާތަކީ ޖާގައިގެ ގޮތުން މާ ބޮޑު ތަނެއް ކަމަށާއި، އެތަނަށް ބަދަލުވާއިރު ގިނަ ވަސީލަތްތަކެއް ޤާއިމްކުރެވޭނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އައު ސެންޓަރު ހުންނަ ސަރަހައްދަށް ދަތުރުފަތުރުގެ ނިޒާމު ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެތަނުގައި ޚާއްޞަ ބަސް ހުއްޓުމެއް ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ، "ފައިސާގެ ގޮތުން ދަތިތަކެއް ކުރިމަތިވެގެން ކަމެއް ހައްލު ނުވެ ނޯންނާނެ" ކަމުގެ ޔަޤީންކަން ދެއްވަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަމަށެވެ.









