ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ގަލޮޅު އިލާ، އިޙްސާން ޢަބްދުލްޣަނީ (ސާންތީ)، މިރޭ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސާންތީ އަވަހާރަވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށާއި، ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ސާންތީ އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެކެވެ.
ރައީސް ވިދާޅުވީ މި ލިބިވަޑައިގެންނެވި ހިތާމައިގައި މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
“މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ސާންތީ އަވަހާރަވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަނިކޮށް، އުމުރުން 51 އަހަރުގައެވެ. އޭނާ އައީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންނެވެ.
ސާންތީއަކީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ރާއްޖޭގެ އެސިސްޓެންޓު ކޯޗުގެ މަގާމު އަދާކުރެއްވިއެވެ. އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައިވެއެވެ.
ސާންތީ ވަނީ ކްލަބް އީގަލްސްގެ ކޯޗުކަމާއި، 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ހެޑް ކޯޗުގެ މަޤާމު ވެސް އަދާކުރައްވާފައެވެ. އަދި ދާދި ފަހުން ބޭއްވި އެފްއޭއެމް ޔޫތް ލީގުގެ ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރެއްވިއެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ސާންތީ، ކުޅުންތެރިންނާއި ކޯޗުން އުފެއްދުމުގައި ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. ސާންތީގެ ވަފާތުން ދިވެހި ފުޓްބޯޅައަށް ލިބުނީ ބޮޑު ގެއްލުމެކެވެ.