ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ފަރާތްތަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް ކަމަށެވެ.
"މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަކަށް ހޭހަންކޮށްދިނުމުގައި ވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެން،" ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކީ "އިމް އަވަރ ސަޕޯޓް ސިސްޓަމް" އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް އެކަށީގެންވާ ފަރުވާއާއި ތަޢުލީމާއި ފުރުޞަތުތައް ލިބޭނެ ގޮތް ހެދުމަށް ވަށައިޖެހޭ އެހީތެރިކަމުގެ ނިޒާމުތައް ހަރުދަނާ ކުރުމުގެ މުހިންމު ކަމަށެވެ.
ޑައުން ސިންޑްރޯމަކީ އުފަންވުމުގައި ހުންނަ އުނިކަމެއް ކަމަށާއި، މިކަން މެދުވެރިވަނީ ކްރޮމޮޒޯމަށް ދިމާވާ އުނިކަމެއްގެ ސަބަބުންކަން ޞިއްޙީ މާހިރުން ފާހަގަކުރެއެވެ. މިފަދަ ކުދިންގެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުރެދާނެ ކަމަށާއި، އުނގެނުމުގެ ދާއިރާގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ބެލެވެއެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މި ހާލަތާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، މިފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ހާމަކުރުމެވެ.









