ރޯދަ މަހުގެ ފަހު 10 ދުވަހު މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން ޕޭ ކޮމިޝަނުން ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހުތަކެއް ގެނެސް ގެޒެޓްކޮށްފައެވެ.
ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގައި، މި ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސްގެ އިތުރުން، ދުވަހު މުސާރައިގެ ވަކި ޕަސެންޓެއް އިތުރު އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ. މީގެ އިތުރުން، މި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބަލައި، މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އިތުރު އިނާޔަތެއްގެ ގޮތުގައި ދެވޭނެއެވެ.
އިތުރު ގަޑީގެ ފައިސާ ދިނުމުގައިވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. ފަހު 10 ދުވަހަށް އިތުރު ގަޑީގެ ފައިސާ ދޭނީ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ބަލައިގެންނެވެ. މިހާރު ކަނޑައެޅިފައިވާ 10 ޕަސެންޓްގެ ތެރޭގައި މި ދުވަސްތައް ނުހިމަނައި، މުވައްޒަފުން މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް، މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ބަންދުވާނެއެވެ. އޮފީސްތަކުން ހަމައެކަނި ދޭނީ ޒަރޫރީ ޚިދުމަތްތަކެވެ. މީގެ އިތުރުން، ޢީދު ބަންދަށް އިތުރު ދުވަހެއް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.