ފަލަސްޠީނުގެ ޣައްޒާގެ މެދުތެރޭ ސަރަޙައްދުތަކަށާއި ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން އެއްގަމު މަގުން އަލުން އަރަން ފަށައި ޙަމަލާތައް ވަރަށް ވަރުގަދަ ކޮށްފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ރިޕޯޓްތަކުން ދައްކާ ގޮތުގައި ފަލަސްތީނުގެ އުތުރާއި ދެކުނު ސަރަހައްދުތަކަށް އަމާޒުކޮށް ރޭ ފަތިހާއި ހަމަޔަށް ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 40 ފަލަސްތީނު މީހުން ވަނީ ޝަހީދު ވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުގެ ވައިގެ ހަމަލާތައް އަލުން ފެށުމާއި ގުޅިގެން އެއް ދުވަހެއްގެ ތެރޭގައި ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މިއީ ހަމަނުޖެހުން ބޮޑުވި ފަހުން އެންމެ ގިނަ މީހުން ޝަހީދުވި ދުވަހެވެ.
އަލުން ފެށި މި ނަސްލު ނައްތައިލުމުގެ އަނިޔާވެރިކަމުގެ ސަބަބުން ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފުނޑުފުނޑުވެ، ޣައްޒާ އިތުރަށް ސުންނާފަތިވެއްޖެއެވެ. އެއްގަމު މަގުން ޔަހޫދީން ޣައްޒާއަށް އަރައިގަތީ ކަނޑުންނާއި ވައިގެމަގުން ޙަމަލާދީ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްކުމަށްފަހުގައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރޭ ދިން ހަމަލާތަކުގައި އެކަނި 40 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ބައިތު ޙާނޫނު ސަރަޙައްދުގައި ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވެ، 10 މީހުންނަށް މަރާއި ހަނގުރާމަކުރަމުންދާ ކަމަށް ބުނެއެވެ. އަދި ބައިތު ލާހިޔާގައި 14 މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް އިދާރާތަކުން މަޢުލޫމާތު ދީފައިވެއެވެ.
އދ. އިން ބުނެފައިވާ ގޮތުގައި ޣައްޒާ ސިޓީގައި ހުންނަ އދ. ގެ އިދާރާއެއް ހުންނަ ސަރަޙައްދަކަށް ޔަހޫދީން ވައިގެ ހަމަލާހަމަލާއެއް ދީފައިވެއެވެ. މި ހަމަލާގައި އެ އިދާރާގައި މަސައްކަތްކުރާ ބޭރު ޤައުމަކަށް ނިސްބަތްވާ މީހަކު މަރުވެ، 5 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އދ. އިން ހާމަކޮށްފައިވެއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތޭހެޝް ވަނީ މި ހަމަލާއާ ގުޅޭ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ގޮވާލައްވާފައެވެ. އަދި އދ. ގެ މުވައްޒަފުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޔަހޫދީން ޤަތުލުކޮށްފައިވާ އދ. ގެ މުވައްޒަފުންގެ އަދަދު 280 އަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
މި ހަމަލާތައް ފެށިފައިވަނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ޤާއިމުކުރެވުނު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ކުރިއަށް ނުގެންދެވުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް އިތުރު ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.









