ޔަމަނުގެ ހޫޘީ ޖަމާޢަތުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ގްރޫޕަކަށް 24 ގަޑިއިރުގެ ތެރޭގައި ދެފަހަރު ހަމަލާދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި 53 މީހުން މަރުވުމާއި ގުޅިގެން، ރައްދު ޙަމަލާ އެމެރިކާއަށް ދޭނެ ކަމަށް ހޫޘީން ބުނިތާ 24 ގަޑިއެއްހާ އިރުތެރޭގައެވެ.
ހޫޘީންގެ ބުނެފައިވާ ގޮތުން، އެމެރިކާގެ ޔޫއެސްއެސް ހެރީ އެސް. ޓްރޫމަން އެއަރކްރާފްޓް ކެރިއަރ ގްރޫޕަށް ގިނަ ޢަދަދެއްގެ މިސައިލްތަކާއި ޑްރޯން ފޮނުވާލާފައެވެ. އަދި މީގެ ގަޑިއިރުތަކެއް ފަހުން ދެވަނަ ހަމަލާއެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެމެރިކާގެ އޮފިޝަލަކު ވަނީ މިކަމަށް އިޢުތިރާފް ވެފައި ކަމަށް ޚަބަރުތައް ބުނާއިރު ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުން، އެމެރިކާގެ މަނަވަރުތަކަށް ހޫޘީންގެ 11 ހޫޘީ ޑްރޯން ވަނީ ވެއްޓިފައެވެ.
ހޫޘީންގެ ސްޕޯކްސްޕަރސަނަކު ޓެލެގްރާމްގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތައް ދީފައިވަނީ އެމެރިކާއިން ޔަމަނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކަށް ދޭ ޖަވާބެއްގެ ގޮތުގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި ހޫޘީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަނާއާއި އެހެނިހެން ސަރަހައްދުތަކަށް ހަމަލާދީ، މުޅި ޖުމްލަ 53 މީހުން މަރުވެފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ ޣައްޒާގެ މުސްލިމުންމަށް އިސްރާއީލުން ދޭ ޙަމަލާ ތަކާއި ގުޅިގެން، އިސްރާއީލާއި ގުޅުންހުރި ފަރާތްތަކަށް ދަތިކުރުމުގެ ގޮތުން ރަތްކަނޑުގައިނދަތުރުކުރާ އިސްރާއީލުގެ މަސްލަހަތު ހިމެނޭ ބޯޓުފަހަރުތަކަށް ހޫޡީން ޙަމަލާ ދެމުންދާތީ ކަމަށް އެމެރިކާއިން ބުންޏެވެ.









