ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާ ކަމެއް ކަމަށާއި އެފަދަ އަމަލުތަކުން ދުރުވުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލައި އިޖުތިމާއީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ވެސް ވާން ޖެހޭނީ ޕްރޮފެޝަނަލް އަދި ރައްޔިތުންނަށް ނަމޫނާ ހަރަކާތްތަކަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމައުގެ ގަދަރާއި ކަރާމާތް ރައްކާތެރިކުރުމަށެވެ. މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ގައުމެއް ބިނާކުރުމުގެ އަސާސެވެ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް އެގޮތަށް ވިދާޅުވީ ރެޔާއި ދުވާލު އެމްޑީޕީގެ އެކްޓިވިސްޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއަށް ފުރައްސާރަކުރަމުން ދާތީ އެވެ.

އެ މައްސަލާގައި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ މަޖިލިސް މެންބަރު މީކާއީލް ނަސީމްގެ މަންމަ މަތިޔަމް ޒުބައިރު ގޮވައިގެން ކޯޓަށް ދިޔުމަށް ރައީސްގެ އާއިލާއިން ވަނީ މިއަދު ނިންމައިފަ އެވެ.