އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެކު މިއަހަރުވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވާނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައިފައިވަނީ މިދިޔަ އަހަރު ފެބްރުވަރީ މަހުގެ 4 ވަނަ ދުވަހު އެ އޮފީހުން އާންމު ކުރި އިއުލާނެއްގަައެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެވެ. ފަހު ދިހައެއްގެ ބަންދަށް ފަހުގައި ސަރުކާރު ދެން ހުޅުވޭނީ ފިތުރު ޢީދުގެ ތިން ދުވަހަށް ފަހުއެވެ. އެއީ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހެވެ. ނަމަވެސް އެއީ ބުރާސްފަތި ދުވަހަކަށް ވުމުން އެދުވަސް ވެސް ސަރުކާރުން ބަންދުކުރުން އެކަށީގެންވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ ރަމަޟާންމަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށެވެ.